އައު އަހަރު ފާހަގަކުރި ރިސޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ 40 މީހުން މަރުވެއްޖެ
1 ޖެނުއަރީ 2026 - 10:17

މި ފެށުނު 2026 ވަނަ އަހަރުގެ ފެށުން ފާހަގަކުރުމަށް ބޭއްވި ހަރަކާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ 40 މީހުން މަރުވެއްޖެއެވެ.
ރޮއިޓަރސް އިން މައުލޫމާތު ހާމަކޮށްފައިވާ ގޮތުގައި ސްވިޒަލޭންޑްގެ ދެކުނު ހުޅަނގުގައި އޮންނަ މަޝްހޫރު ސްކީ ރިސޯޓެއް ކަމަށްވާ ކްރޭންސް-މޮންޓާނާގައި ހިނގި މިހާދިސާގައި އަލިފާނުގެ ހާދިސާ ހިނގުމުގެކުރިން ވަނީ ބާރުގަދަ އެއްޗެއް ގޮވުމުގެ އަޑު އިވިފައެވެ.

Ad by Hajj Corporation
ސްކައި ނިއުސް އިން ފުލުހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާގައި މަދުވެގެން 40 މީހުން ވަނީ މަރުވެފައެވެ. އަދި މަރުވި މީހުންގެ އަދަދު މިއަށްވުރެ މަތިވުން އެކަށީގެންވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
މި ހާދިސާ ހިނގިއިރު، އެތަނުގައި 100 އަށްވުރެ ގިނަ މީހުން ތިބިކަމަށާއި އެހެންކަމުން މަރުވި މީހުންގެ ނަމްބަރުތައް މައްޗަށް ދިއުން އެކަށީގެންވާ ކަމުގައި ޚަބަރުތައް ބުނެއެވެ. އަދި ފިހިގެންނާއި ޒަހަމްވެގެން ވެސް ގިނަބަޔަކަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިޔަކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތަކުން ހާމަކުރެއެވެ.
"ލެ ކޮންސްޓެލޭޝަން" ނަމަކަށް ކިޔާ މި ބާގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 1:30 (ޖީ.އެމް.ޓީ އިން 00:30) ހާއިރު ކަމަށާއި ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުންނާއި، އަލިފާން ނިއްވާ ޓީމުތަކުން އެސަރަހައްދަށް ގޮސް އަލިފާން ނިއްވާލުމުގެ މަސައްކަތް ފަށާ، އެއްކޮށް ކޮންޓްރޯލުކޮށްފައިވާ ކަމަށް ވެސް ބުނެއެވެ.
އެ ސަރަހައްދު އެއްކޮށް ބަންދުކޮށް، ކްރޭންސް-މޮންޓާނާގެ މަތިން އުޅަނދުތައް އުދުހުން މަނާ ސަރަހައްދެއްގެ ގޮތުގައި މިހާރުވަނީ ކަނޑައަޅާފައެވެ. މި ގޮވުން ގޮވަން މެދުވެރިވި ސީދާ ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ.


