ޑރ އަހްމަދު އަބްދުއްﷲއަށް، ވަޒީރު ޝަހީމްގެ ރައްދެއް!
2 ޖެނުއަރީ 2026 - 17:28

މިއަހަރުގެ ހުކުރު ޚުޠުބާއަށް ލިޔާނެ މައުޟޫއަށް އާންމުންގެ ޙިޔާލު ހޯދުމަށް މިއަދު އިސްލާމިކް މިނިސްޓްރީން ހުޅުވާލުމާ ގުޅިގެން ،ޑރ އަހްމަދު އަބްދުއްﷲ ދީދީ މިއަދު އެކްސާގައި ހިއްސާ ކުރެއްވި ޕޯސްޓަކާ ގުޅިގެން، އިސްލާމި ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އެ ޕޯސްޓަށް ރައްދު ދެއްވައިފިއެވެ.
ޑރ އަހްމަދު އަބްދުއްﷲ ދީދީ ގެ ޕޯސްޓުގައި ބުނެފައިވަނީ،ހުކުރު ޚުޠުބާޔަކީ ކޮންމެހެން އެއް މައުޟޫޢަކަށް ލިޔެގެން ހުރިހައި މިސްކިތެއްގައި އެއްގޮތަކަށް ކިޔަންޖެހޭ އެއްޗެއް ނޫންކަމަށާއި،ހުކުރު ޚުޠުބާ ދެވޭ ފެންވަރުގެ ޢިލްމާއި ޤާބިލުކަން ލިބިގެންވާ ކޮންމެ މީހަކަށް ޚުޠުބާ ދިނުމުގެ ހުއްދަ ދިނުމާއެކު، އެ މީހަކަށް ފެންނަ، އެއިރެއްގެ ޙާލަތާ ގުޅޭ މައުޟޫޢެއް އިޚުތިޔާރުކުރުމުގެ މިނިވަންކަން އޮންނަންޖެހޭނެކަމަށެވެ.

Ad by Hajj Corporation
އަދިޚުޠުބާގެ މައުޟޫޢަކީ އަބަދު މަކާރިމުލް އަޚުލާޤާ ގުޅިފައިވާ މައުޟޫޢަކަށް ވާކަށް ނުޖެހޭކަމަށާއި، ވެރިންނަށް ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމަކީ މިޒަމާނުގެ ޚުޠުބާތަކުގައި ކޮންމެހެން ހިމެނެންޖެހޭ ކަމެއް ކަމަށް ވެސް ޑރ އަހްމަދު އަބްދުއްﷲ ދީދީ ގެ ޕޯސްޓުގައި ބުނެފައިވެއެވެ. އަދި ޚުލަފާއުއް ރާޝިދޫން ގެ ސީރަތަށް ބެލުމުން އެކަން އެނގޭ ކަމަށާއި، ޚުދުމުޚުތާރު ވެރިންނަށް ނަޞޭޙަތް ދިނުމަކީ ޚަޠީބުންގެ ޒިންމާއެއް ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފަި ވެއެވެ.
މީގެ އިތުރުން ސަރުކާރުން ލިޔެ އެއްގޮތަކަށް ތައްޔާރުކޮށްފައިވާ ޚުޠުބާ ކިޔުން ލާޒިމްކުރަނީ ޢާންމުގޮތަކަށް ފިކުރާއި ރައުޔުގެ މިނިވަންކަން ނޯންނަ ޤައުމުތަކުންކަން ޑރ އަހްމަދު އަބްދުއްﷲ ވަނީ ފާހަގަކޮށްފައެވެ.
އެ ޕޯސްޓަށް ރައްދު ދެއްވާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އެއީ ރަނގަޅު ވިސްނުމެއް ނޫންކަމަށާއި،ރާއްޖޭގައި އެންމެހާ އިމާމުންނަކީ އަމިއްލައަށް ޚުތުބާ ދެވޭ ފެންވަރުގައި ތިބި ބައެއް ނޫންކަމަށެވެ.
އަދި އަމިއްލައަށް ނުބަލާ ޚުޠުބާ ދިނުމުގެ ޤާބިލްކަން ހުންނަނީ ވަރަށް މަދު ޢިލްމުވެރިޔަކަށްކަމަށާއި،އެކަމަށް މިހާރުވެސް ހުއްދަ އޮންނަކަމަށް ވެސް ވަޒިރު ޝަހީމް ގެ ޕޯސްޓުގައި ވަީ ފާހަގަ ކުރައްވާފައެވެ. ނަމަވެސް މިފަދައިން ޚުޠުބާ ދެއްވާ ބައެއް ބޭފުޅުންވެސް ޚުޠުބާ ފަށާ ގޮތަށް ނިންމުން ލަސްވުމުގެ ސަބަބުން ރައްޔިތުންގެ އެތައް މަސްލަޙަތަކަށް ގެއްލުންވާކަމަށް ވެސް ވަޒިރު ގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
މީގެއިތުރުން، ހައްދެއް އިމެއް ނެތި އެގޮތަށް މިކަން އެންމެންނަށް ހުޅުވާލައިފިނަމަ ދީނީ ގޮތުން ނުތަނަވަސް ހާލަތަކަށް ރާއްޖެ ވެއްޓިގެން ދިޔުމުގެ ބިރު އޮންނާނެކަމަށާއި، އެކަމަށް ޖާގައެއް ނުދޭނެކަމަށް ވެސް ވަޒީރު ޝަހީމް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ޚުޠުބާ ކަންތަކުގައި ޢަމަލު ކުރަމުން މި ދަނީ ރާއްޖޭގެ މަސްލަހަތާއި ގުޅޭ ގޮތަށްކަމަށާއި،ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާ ވެސް ގުޅޭ ގޮތަށް ހަރުދަނާ ނިޒާމެއްގެ ތެރެއިންކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ޑރ އަހްމަދު އަބްދުއްﷲ ދީދީ ގެ ޕޯސްޓުގައި ވިދާޅުވާ ގޮތަށް ހުޅުވިފައި އޮންނަ ޤައުމުތަކުގައި ، ދީނީ ތަފާތު ފިކުރުތައް އުފެދި ޖަމާޢަތްތައް އުފެދި އެކި މިސްކިތްތަކުގައި އެކި މަޒުހަބުތަކަށް ޚުޠުބާ ކިޔާ ހަމަނުޖެހުން އުފެދިގެން ގޮސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ރާއްޖޭގައި ޒަމާނުއްސުރެ މިކަން ޤާއިމުވެފައިވާ ދިމާލަށް މިއަދު އިސްލާމީ ދުނިޔޭގެ ޤައުމުތައް ވަނީ އަމާޒު ހިފާފައި ކަމަށާއި، ރާއްޖޭގެ ކުރީގެ ވެރިންނާއި ސަރުކާރުތަކުން ޚުޠުބާގެ ނިޒާމު ދަމަހައްޓާފައިވަނީ ވަރަށް ރަނގަޅު ގޮތަކަށްކަމަށް ވަޒީރު ޝަހީމް ޤަބޫލްކުރައްވާ ކަމަށް ވެސް އެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
އަދި ޚުޠުބާގެ މަޢުޟޫތަކާއި މެދު ރައްޔިތުންގެ ޚިޔާލު ހޯދީ މުޖުތަމަޢުއައް އެންމެ ބޭނުންތެރި މަގުން ޚުޠުބާ ތައްޔާރު ކުރުމަށްކަމަށާއި،
ޚުޠުބާ ކުރުވާން ޖެހޭ ކަމަށާއި އަދި އެއީސުންނަތް ގޮތް ކަމަށް ވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ.


