ދިވެހި އިގްތިސޯދު ހިންދަމާލީ ރޭވުންތެރި ހިކުމަތްތެރި ފިޔަވަޅުތަކުގެ ނަތީޖާއިން
3 ޖެނުއަރީ 2026 - 01:10

ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ބަދަލުކޮށް، ގައުމުގެ މާލީ ބިންގާ ވަރުގަދަކުރުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން، އެމަނިކުފާނުގެ ޢިލްމީ، ތަޖުރާބާގެ އަލީގައި ސަރުކާރުން ދަނީ ހަރުދަނާ އަދި ރޭވުންތެރި ފިޔަވަޅުތަކެއް އަޅަމުންނެވެ.
ނިމުނު އެމްޑީޕީގެ ސަރުކާރުން ފުން އަނދަވަޅަކަށް ވައްޓާލި ދިވެހި އިގްތިސޯދު އަލުން ކޮޅަށްޖެހީ މި ސަރުކާރުގެ ކެރުމާއި ރޭވުންތެރިިކަމުގެ ނަތީޖާއިންނެވެ.

Ad by Hajj Corporation
އިގްތިސާދު ބޮޑަށް ބަރޯސާވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ކަމަށްވާއިރު، ބޭރު ފައިސާގެ ރިޒާވް ހިފެހެއްޓުމާއި ދައުލަތުގެ ދަރަނި މެނޭޖްކުރުމަކީ ގައުމުގެ ކުރިމަގަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. މިގޮތުން ފާއިތުވި ދުވަސްތަކުގައި ފެނިގެންދިޔައީ ހިކުމަތްތެރި ވިސްނުމަކާއެކު އިގްތިސާދު ހަމަމަގަށް އެޅުވުމަށް ކުރެވުނު މުހިންމު މަސައްކަތްތަކެވެ.
ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް އެޅި އާ ފިޔަވަޅުތައް
ރައީސް މުޢިއްޒުގެ ސަރުކާރުގެ އިސްނެގުމާއެކު، ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ވަނީ އިގްތިސާދީ ރިޒާވް ވަރުގަދަކުރުމަށްޓަކައި ތާރީޚީ ނިންމުމެއް ނިންމާފައެވެ. އެއީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާނެ ނިޒާމެއް ގާއިމުކުރުމެވެ. މި ނިޒާމުގެ ދަށުން، އަހަރަކު 15 މިލިއަން ޑޮލަރަށްވުރެ ގިނައިން އާމްދަނީ ލިބޭ ބޮޑެތި ވިޔަފާރިތަކާއި ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ނުވަތަ މަހު އާމްދަނީގެ 20 އިންސައްތަ ބޭންކަށް މާރުކުރަން ޖެހެއެވެ. އަދި ގެސްޓްހައުސްތަކުން ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މިއީ މީގެ 15 އަހަރު ކުރިންވެސް ކުރަން އުޅެ، އެކި ސަބަބުތަކާހުރެ ނާކާމިޔާބުވެފައިވާ ކަމެކެވެ. ނަމަވެސް، މިހާރު މި ގެނެވުނު ބަދަލުގެ ސަބަބުން ދައުލަތުގެ ރިޒާވް ވަރުގަދަވެ، ބޭރުގެ ދަރަނިތައް އަދާކުރުމަށް ބޭނުންވާ ފައިސާ ކަށަވަރުވެގެންދާނެއެވެ. މިއީ ރާއްޖޭގެ އިގްތިސާދީ މިނިވަންކަން ދެމެހެއްޓުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
ދައުލަތުގެ އާމްދަނީ އިތުރުވުމާއި ޓެކްސްގެ ނިޒާމު
އިގްތިސާދީ ރޭވުންތެރިކަމުގެ ނަތީޖާއެއްގެ ގޮތުން ދައުލަތަށް ލިބޭ އާމްދަނީއަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖީ.އެސް.ޓީ ގެ ގޮތުގައި 15.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޓީ.ޖީ.އެސް.ޓީ އެވެ.
ޖުމްލަ ޓެކްސް އާމްދަނީއަށް ބަލާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެއް ލިބި، 27.5 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ. މީގެ އިތުރުން ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީވެސް ވަނީ 21.2 އިންސައްތައިން އިތުރުވެފައެވެ.
ބަޖެޓް ޑެފިސިޓް ކުޑަކުރުމާއި މާލީ ހަމަޖެހުން
ސަރުކާރުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ބަޖެޓް ޑެފިސިޓް ނުވަތަ އާމްދަނީއަށްވުރެ ޚަރަދު އިތުރުވާ މިންވަރު ބޮޑުތަނުން ކުޑަކުރުމެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 11.5 ބިލިއަން ރުފިޔާގައި ހުރި ޑެފިސިޓް، މިއަހަރު ވަނީ 2.0 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފައެވެ. މިއީ 82.5 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. އަދި ޕްރައިމަރީ ބެލެންސް 2.5 ބިލިއަން ރުފިޔާގެ ސަރަޕްލަސްއަކަށް ބަދަލުވުމަކީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުވަމުންދާކަމުގެ ހެއްކެކެވެ.
ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ސަބްސިޑީތަކަށް ކުރާ ޚަރަދުވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 5.3 އިންސައްތަ ކުޑަކުރެވިފައެވެ. މިއީ އިސްރާފު ކުޑަކޮށް، އެންމެ ބޭނުންޖެހިފައިވާ ދާއިރާތަކަށް ފައިސާ ހޭދަކުރުމަށް ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ނަތީޖާއެވެ.
އިގްތިސޯދު ހަމަނޭވާލުން
ޖުމްލަ ގޮތެއްގައި ބަލާއިރު، ދިވެހި އިގްތިސާދު ހިންދަމާލުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކަކީ ދުރުވިސްނޭ، ހިކުމަތްތެރި މަސައްކަތްތަކެކެވެ. ޑޮލަރު މާރުކުރުމުގެ އާ ގަވާއިދާއި، އާމްދަނީ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ މާލީ މިނިވަންކަން ކަށަވަރުވެ، ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެއެވެ. ރައީސް މުޢިއްޒުގެ ސަރުކާރުގެ މި ރޭވުންތެރި ފިޔަވަޅުތަކާއެކު ދިވެހި އިގްތިސާދު އޮތީ އުއްމީދީ މިސްރާބެއްގައެވެ.


