މާލެ ވަށަމަގު ހެދުމުގެ މަޝްރޫއު: 38 މީޓަރުގެ ސަރަޙައްދެއް ޝީޓް ޕައިލްކޮށް ނިންމާލައިފި
3 ޖެނުއަރީ 2026 - 10:30

މާލެ ވަށަމަގު ހެދުމުގެ މަޝްރޫއު ދަށުން، މިހާތަނަށް 38 މީޓަރުގެ ސަރަޙައްދެއް ޝީޓް ޕައިލްކޮށް ނިންމާލައިފިއެވެ.
އެމްޓީސީސީން ބުނީ، ބާޒާރުމަތީ ސަރަޙައްދުން ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން، އިމާރާތްތައް ހުރި ފަރާތުގެ ކޭބަލް އަޅާ އެއްކޮށް ނިމިފައިވާ ކަމަށެވެ. ވަށަމަގު ހެދުމުގެ މަސައްކަތް ފަށާފައިވަނީ ޑިސެމްބަރުމަހުގެ 9ވަނަ ދުވަހުއެވެ.
އަދި ދުވާރުހެދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށާއި، އެ މަސައްކަތުގެ ތެރެއިން މަސްމާރުކޭޓު ހިމެނޭ ބްލޮކް އަދި ދެވަނަ ބްލޮކްގެ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.
އަދި ސީ ޗެނަލް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި، ޓައި ރޮޑާއި އެންކަރ ބްލޮކްގެ މަސައްކަތް މި ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ތެރެއިން މަގުގެ 70 މީޓަރުގެ ސަރަހައްދެއްގައި މިހާރު ފެންހޮޅި އަޅާފައިވާކަމަށެވެ.

Ad by Hajj Corporation
މި މަޝްރޫޢުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅައިގެން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖައްސައި، މަގު ފުޅާކުރުމަށް ހަމަޖެހިފައިވެއެވެ.
މި މަޝްރޫޢު ނިމުމުން ބާޒާރުމަތީ ސަރަޙައްދުގެ މަގުތަކަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމަށް ހަަމަޖެހިފައިވެއެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.
އެމްޓީސީސީގެ އަމާޒަކީ ރޯދަ މަހުގެ ކުރިން މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމައި އާންމުންނަށް ހުޅުވާލުމެވެ.


