ފ. އަތޮޅާއި ދ. އަތޮޅުގައި މާދަމާ އާރްޓީއެލް ފެރީގެ ހިދުމަތް ފަށަނީ
16 ފެބްރުއަރީ 2026 - 18:30

ފާފު އަތޮޅާއި ދާލު އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް މާދަމާ ފަށަން ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން މިއަދު ހާމަކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި، ފ. އަތޮޅާއި ދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ވަނީ ނިމިފައެވެ. މިއީ މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން އެޅޭ މުހިންމު ފިޔަވަޅެކެވެ.

Ad by Hajj Corporation
މި ހިދުމަތް ދިނުމާ ހަވާލުވެފައިވާ އެމްޓީސީސީން ބުނީ، މާދަމާއިން ފެށިގެން ހަފްތާއެއް ވަންދެން މި ދެ އަތޮޅުގައި ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ. ނަމަވެސް މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ކުރާނީ ޓިކެޓް ނަގައިގެންނެވެ. ޓިކެޓް ބުކް ކުރުމުގެ އިންތިޒާމް އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ހަމަޖެހިފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފ. އަތޮޅާއި ދ. އަތޮޅުގައި މި ހިދުމަތް ފެށުމާއެކު، ރާއްޖޭގައި އާރްޓީއެލްގެ ހިދުމަތް ދޭ އަތޮޅުތަކުގެ ޖުމްލަ އަދަދު 14 އަށް އަރާނެއެވެ. މިއީ އަތޮޅުތަކުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.
އާރްޓީއެލްގެ ހިދުމަތަކީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ބިޔަ މަޝްރޫއެކެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން، މުޅި ރާއްޖެ ހަ ޒޯނަކަށް ކަނޑައަޅައިގެންނެވެ.


