މަދޫރޯ ހައްޔަރުކުރުމަށްފަހު ޓްރަމްޕްގެ އިންޒާރު ކޮލަމްބިއާގެ ރައީސަށް ''ސަމާލުވެހުރޭ!''
4 ޖެނުއަރީ 2026 - 08:07

ވެނެޒުއޭލާގައި ވޮޝިންޓަނުން ހިންގި އަސްކަރީ އޮޕަރޭޝަން "އެބްސޮލިއުޓް ރިޒޯލްވް" ފެށިތާ ގާތްގަނޑަކަށް އެއް ދުވަސް ފަހުން އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯ ކިޑްނެޕްކޮށްގެން ނިއުޔޯކުގެ ޖަލަކަށް ގެންދިޔުމަށްފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯއަށް "ސަމާލުވެ ހުރުމަށް" އަންގަވައި ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "އޭނާ (ޕެޓްރޯ) ކޮކެއިން އުފައްދައި އެތަކެތި އެމެރިކާއަށް ފޮނުވަމުންދާތީ، އޭނާ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ،" ކަމަށެވެ.

Ad by Hajj Corporation
މަދޫރޯއަކީ އޭނާގެ އެންމެ ގާތް އެކުވެރިންގެ ތެރެއިން އެކަކު ކަމަށް ވިދާޅުނުވެ، ޕެޓްރޯ ވަނީ ވޮޝިންޓަނުގެ އަމަލުތަކަކީ ލެޓިން އެމެރިކާގެ "މިނިވަންކަމަށް އަރައިގަތުން" ކަމަށް ސިފަކުރައްވައި، މީގެ ސަބަބުން އިންސާނީ ކާރިސާއެއް ކުރިމަތިވާނެ ކަމަށް ވިދާޅުވެފައެވެ.
މަސްތުވާތަކެތި އުފުލާ ކަމަށް ތުހުމަތުކުރެވޭ އުޅަނދުފަހަރާ ދެކޮޅަށް ކެރީބިއަން ސަރަހައްދަށް ޓްރަމްޕްގެ އަމުރަށް ފޮނުވާފައިވާ އަސްކަރީ ފައުޖުތަކަށް ޕެޓްރޯ ގެންދަވަނީ ފާޅުގައި ފާޑުވިދާޅުވަމުންނެވެ. މަސްތުވާތަކެއްޗާ ދެކޮޅު އިސްތިރާތީޖީގެ ދަށުން، ކޮލަމްބިއާގައި ހުރި މަސްތުވާތަކެތި އުފައްދާ ލެބޯޓްރީތަކަށް ހަމަލާދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޓްރަމްޕް ދާދިފަހުން ވިދާޅުވެފައިވާއިރު، ޕެޓްރޯ ވަނީ އެއީ ގައުމަށް އަރައިގަތުމުގެ ބިރެއްގެ ގޮތުގައި ކުށްވެރިކުރައްވާފައެވެ.
މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ސިލިއާ ފްލޮރެސް ކަރަކަސްއިން ނެރުނުތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ވަގުތީ ގޮތުން އެ ގައުމު "ހިންގާނެ" ކަމަށެވެ.
"އަޅުގަނޑުމެން އެ ގައުމު ހިންގާނީ ރައްކާތެރި، އެކަށީގެންވާ އަދި ބުއްދިވެރި ބަދަލެއް ގެނެވެންދެން،" ކަމަށް ވިދާޅުވެ، ބޭނުންވެއްޖެ ނަމަ މިއަށްވުރެ މާ ވަރުގަދަ ދެވަނަ ހަމަލާއެއް ދިނުމަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށް ޓްރަމްޕް އިތުރަށް ވިދާޅުވިއެވެ.
ލެޓިން އެމެރިކާއާ މެދު އެމެރިކާގެ ފުޅާ ދާއިރާއެއްގެ ރޭވުންތަކާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ހުޅަނގުގެ ބާރުވެރިކަމާ މެދު ދެން އެއްވެސް ސުވާލެއް ނުއުފެދޭނެ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ރަނގަޅު އަވަށްޓެރިންނާއެކު އުޅެން. އަޅުގަނޑުމެން ބޭނުންވަނީ ހަމަޖެހުން. އަޅުގަނޑުމެން ބޭނުންވަނީ ހަކަތަ (އެނާޖީ). އެ ގައުމުގައި ވަރަށް ބޮޑު ހަކަތައެއް އެބަހުރި. އެ ރައްކާތެރިކުރުމަކީ ވަރަށް މުހިންމު ކަމެއް. އެއީ އަޅުގަނޑުމެންނަށް ބޭނުންވާ އެއްޗެއް،" އޭނާ ވިދާޅުވިއެވެ.
ވެނެޒުއޭލާގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒްއަށް އިތުބާރު އޮތް ކަމަށާއި، ގައުމު އަލުން "މަތިވެރި" ކުރުމަށް ބޭނުންވާ ކަންކަން ކުރުމަށް އޭނާ ތައްޔާރަށް ހުރި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް އިދިކޮޅު ލީޑަރު މާރިއާ ކޮރީނާ މަޗާޑޯއަށް ގައުމުގެ ތެރެއިން އޮތް ތާއީދާ މެދު އޭނާ ސުވާލު އުފެއްދެވިއެވެ.
"އަޅުގަނޑު ހިތުން އޭނާ (މަޗާޑޯ) އަށް ލީޑަރަކަށް ވުން ވަރަށް އުނދަގޫވާނެ. ގައުމުގެ ތެރެއިން އޭނާއަށް ތާއީދެއް ނުވަތަ އިހުތިރާމެއް ނެތް. އޭނާއަކީ ވަރަށް ރަނގަޅު އަންހެނެއް، އެކަމަކު އޭނާއަށް އިހުތިރާމެއް ނެތް،" އޭނާ އިތުރަށް ވިދާޅުވިއެވެ.
ވެނެޒުއޭލާގެ މުސްތަގުބަލާ ބެހޭ ގޮތުން ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ތެޔޮ ކުންފުނިތައް އެ ގައުމަށް ފޮނުވައި، "ވަރަށް ބޮޑަށް ހަލާކުވެފައިވާ ތެޔޮ އުފައްދާ ވަސީލަތްތައް" މަރާމާތުކުރުމަށް ބިލިއަނުން ޑޮލަރު ހޭދަކޮށް، އެ ގައުމަށް ފައިސާ ހޯދައިދޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އެމެރިކާގެ ވަރަށް ބޮޑެތި ތެޔޮ ކުންފުނިތައް، ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް ހުރި އެންމެ ބޮޑެތި ކުންފުނިތައް އެ ގައުމަށް ވަދެ، ބިލިއަނުން ޑޮލަރު ހޭދަކޮށް، ހަލާކުވެފައިވާ އިންފްރާސްޓްރަކްޗާ ރަނގަޅުކޮށް، އެ ގައުމަށް ފައިދާ ހޯދައިދޭން ފަށާނެ. ވެނެޒުއޭލާގެ ހުރިހާ ތެލަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެގޮތުގައި ދެމިއޮންނާނެ. އެމެރިކާގެ އަސްކަރީ އުޅަނދުފަހަރު ތިބީ ތައްޔާރީ ހާލަތުގައި، އަދި އެމެރިކާގެ ޝަރުތުތައް ފުރިހަމަވަންދެން ހުރިހާ އަސްކަރީ ފިޔަވަޅެއް އެޅުމުގެ އިހުތިޔާރު އެމެރިކާއަށް އެބައޮތް،" އޭނާ ނޫސްވެރިންނަށް ވިދާޅުވިއެވެ.


