ޙައްޖު ކިޔުއަށް އެރޭ ގޮތަށް ޕެންޝަނާ ބެހޭ ޤާނޫނަށް އިސްލާޙު ހުށައަޅައިފި
5 ޖެނުއަރީ 2026 - 04:49

ޕެންޝަން ސްކީމް މެދުވެރިކޮށް ޙައްޖަށް ދިޔުމަށް ފައިސާ ދެއްކޭނެ އިންތިޒާމާއެކު ޙައްޖު ކިޔުއަށް އެރޭ ގޮތަށް ޕެންޝަނާ ބެހޭ ޤާނޫނަށް އިސްލާޙު ހުށައަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ޕެންޝަނާ ބެހޭ ބިލަށް ހުށައަޅާފައިވާ އިސްލާޙުގައި ވާގޮތުން ޙައްޖު ކިޔުއަށް އެރޭނީ ހައްޖަށްދާން ދައްކަންޖެހޭ އަގުގެ 20 އިންސައްތަ ދައްކާފައިވާ ފަރާތްތަކަށްކަމަށް ބިލުގައި ބަޔާންކޮށްފައި ވެއެވެ.

Ad by Hajj Corporation
ޙައްޖަށް ދިއުމަށްޓަކައި ޕެންޝަން ސްކީމްގެ ތެރެއިން ލުއިތައް ދިނުމަށްޓަކައި، ބިލަށް ހުށައާޅާފައިވާ އިސްލާޙުގައި ވާގޮތުން ރާއްޖެއިން ޙައްޖަށް ދިޔުމަށް ސަރުކާރުން ކަނޑައަޅާ ކުންފުންޏަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 20 އިންސައްތަ ފައިސާ ދައްކާފައިވާ ފަރާތްތަކަށް، ބާކީ ދައްކަންޖެހޭ 80 އިންސައްތަ ފައިސާ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން ދެއްކޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ. އަދި މިއާއެކު ރާއްޖެއިން ޙައްޖަށް މީހުންގެންދިޔުމަށް ކަނޑައާޅާފައިވާ ކިޔުގެ ތަރުތީބުން އެމީހަކަށްވެސް ޖާގަ ރިޒާވްކޮށް ޙައްޖު ކިޔުއަށް އެރޭނެ އެވެ.
މި ބިލުގައި ބަޔާނަކޮށްފައި ވާގޮތުން، ސޭވިންގްސް އެކައުންޓުން ފައިސާ ދެއްކޭނީ ވަކި ޝަރުތު ތަކެއް ހަމަވެގެން ނެވެ.
އެގޮތުން ޙައްޖު ކިޔުއަށް އެރޭނީ، ފަރުޟު ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކަށާއި، ޕެންޝަން ލިބޭ ޢުމުރު ހަމަވާއިރު މަހަކު 2000 ރުފިޔާ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ދެވޭ މިންވަރަށް އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ޖަމާވެފައި ހުރި ފަރާތަކަށްވުން ކަމުގައި ވަނީ ބަޔާންކޮށްފަ އެވެ.
އަދި މިގޮތަށް ފައިސާ ދޫކުރުމަށްޓަކައި ޕެންޝަން ސްކީމްގައި ހުރި ފައިސާ ހިސާބުކުރަންވާނީ ގެދޮރު ގަތުމަށްޓަކައި ޑައުންޕޭމަންޓް ދެއްކުމަށް ޕެންޝަން ސްކީމުން ފައިސާ ބޭނުންކޮށްފައިވާނަމަ، އެފައިސާ އުނިކޮށްފައިކަމަށް ބިލުގައި ބަޔާންކޮށްފައި ވެއެވެ.
މީގެއިތުރުން ޕެންޝަން ސްކީމްގެ ބައިވެރިއަކު ޢުމުރު ހަމަވާފަހުންވެސް އެފަރާތުން ހުށައަޅައިފިނަމަ ޕެންޝަން ސްކީމް މެދުވެރިކޮށް ޙައްޖަށް މިއިސްލާޙުގައި ބަޔާންކުރާގޮތަށް ދެވޭގޮތަށްވެސް މި ބިލުގައި ކަނޑައަޅާފައި ވެއެވެ. އެހެންނަމަވެސް އެފަރަތްތަކަށް ޕެންޝަން ސްކީމުން ދެން ފައިސާ ދޫކުރަމުންދާނީ ޙައްޖަށް ދިޔުމަށް ހިފަހައްޓާފައިވާ ފައިސާ ސްކީމުން އުނިކުރުމަށްފަހުގައި ކަމަށްވަނީ ބަޔާންކޮށްފަ އެވެ.
މި ބިލަށް ބަހުސްކުރުން އެޖެންޑާ ކޮށްފައި ވަނީ ދައުރުން ބޭރުން މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގަ އެވެ.


