"ވާނުވާ" ބަންދުގައި ތިބި އެންމެންގެ މައްސަލަތައް މިއަހަރުގެ ނިޔަލަށް ނިމޭނެކަމަށް ކްރިމިނަލް ކޯޓުން ލަފާކޮށްފި
6 ޖެނުއަރީ 2026 - 06:07

މިއަހަރު ފެށުނުއިރު ޝަރީއަތް ނިމެންދެން ބަންދުގައި ތިބި އެންމެންގެ މައްސަލަ، އަހަރު ނިމުމުގެ ކުރިން ނިންމޭނެ ކަމަށް ވަރަށް ބޮޑަށް އަންދާޒާކުރެވޭ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފިއެވެ.
ކްރިމިނަލް ކޯޓުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތައް އާންމުކުރި ކަރުދާހުގައިވާ ގޮތުން މިދިޔަ އަހަރު ފެށުނުއިރު ޝަރީއަތް ނިމެންދެން ބަންދުގައި 272 މީހުން ތިއްބެވެ. އަހަރު ނިމުނުއިރު ޝަރީއަތް ނިމެންދެން ބަންދުގައި ތިބީ 128 މީހުންނެވެ.

Ad by Hajj Corporation
ކޯޓުން ބުނި ގޮތުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ތެރެއިން އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ހުރިހާ މައްސަލަތައް މިއަހަރު ތެރޭ ނިމުމަކީ އުންމީދީ އަންދާޒާއެކެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ވިދާޅުވި ގޮތުގައި 2025 ވަނަ އަހަރަކީ ޖާގައިގެ މައްސަލަ އިންތިހާއަށް ކުރިމަތިވެފައިވާ ކްރިމިނަލް ކޯޓަށް ތަސައްލީއެއް ލިބުނު އަހަރެކެވެ. މީގެ ދެ އަހަރު ކްރިމިނަލް ކޯޓުން ބޭނުން ކުރަމުންދިޔަ އިމާރާތުގެ ބޮޑު ބައެއް ބާވެ ހަލާކުވެ، އެ އިމާރާތް ބޭނުންކުރުން ހުއްޓާލަން ޖުޑީޝަލް ސާވިސް ކޮމިޝަނުން އެންގިއެވެ. އެކަމުގެ ސަބަބުން ކޯޓުގެ މަސައްކަތްތަކާއި ޝަރީއަތްކުރާ މާލަންތައް ބަހައިގެން މަސައްކަތް ކުރަމުންދިޔައީ ނުހަނު އުނދަގުލުގައި ކަމަށް އިސް ގާޒީ ވިދާޅުވިއެވެ.
އެހާލުގައި ދެ އަހަރާއި ބައި ހޭދަވިއިރު، ކޯޓުގެ ބެކްލޮގް އިތުރުވެ މައްސަލަތައް ނިމުން ލަސްވެ، އާންމުންނާއި ދައުވާ ލިބޭ މީހުންގެ ޝަކުވާތައް ގިނަވި ކަމާއި، އިމާރާތް ބޭނުންކުރުން ހުއްޓާލަން އެންގުމުގެ ކުރިއަށް 2022 ވަނަ އަހަރު މައްސަލަތައް ނިމުނު އަދަދާއި 2023 ވަނަ އަހަރާ އަޅާ ބަލާއިރު، 55 ޕަސެންޓް ދަށްވިކަން އިސް ގާޒީ ފާހަގަކުރެއްވި އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ވިދާޅުވި ގޮތުގައި ކޯޓުގެ ދުވެއްޔަށް ކުރިމަތިވި ލަސްކަން ހައްލުވެފައިވަނީ މިދިޔަ އަހަރުގެ ޖުލައި 27ގައި ޖަސްޓިްސް ބިލްޑިން އެނެކްސް ހުޅުވި، އެ އިމާރާތަށް ކްރިމިނަލް ކޯޓުގެ މަސައްކަތް ބަދަލުވުމުންނެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުން ވެފައިވާ ވައުދެކެވެ. އެކަން ފުއްދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ކޯޓަށް ޖާގަ އިތުރުކޮށްދީ، ޝަރީއަތް އަވަސްކޮށްގެންނެވެ. އެކަން ކުރުމުގެ ގޮތުން ކްރިމިނަލް ކޯޓަށް އާ އިމާރާތެއް އަވަހަށް ހަމަޖައްސަން ސަރުކާރުން މަސައްކަތްކޮށް، އާ އިމާރާތް މިދިޔަ އަހަރު ތެރޭ ވަނީ ހުޅުވާފައެވެ.


