އެތުލެޓިކް ކްލަބް ބަލިކޮށް ބާސެލޯނާ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލަށް ދަތުރުކޮށްފި
7 ޖެނުއަރީ 2026 - 22:32

ސައުދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލުގައި އެތުލެޓިކް ކްލަބްގެ މައްޗަށް ބޮޑު ކާމިޔާބީއެއް ހޯދައި، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. މި މުބާރާތް 15 ފަހަރު ކާމިޔާބުކޮށްފައިވާ ބާސެލޯނާއިން ވަނީ މެޗުގެ ފުރަތަމަ ހާފުގެ 16 މިނެޓު ތެރޭގައި ހަތަރު ލަނޑު ޖަހައި މެޗުގެ ކޮންޓްރޯލް ފުރިހަމައަށް ހޯދާފައެވެ.
މިއީ ސްޕެނިޝް ސުޕަ ކަޕްގެ ތާރީޚުގައި ސެމީ ފައިނަލެއްގެ ފުރަތަމަ ހާފުގައި ޓީމަކުން ހަތަރު ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. ބާސެލޯނާއަށް ލަނޑު ހުޅުވައިދިނީ މެޗުގެ 22 ވަނަ މިނެޓުގައި ފެރާން ޓޮރޭޒްއެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން ފާމިން ލޮޕޭޒް ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ލީޑު ފުޅާކޮށްދީފައެވެ.

Ad by Hajj Corporation
ބާސެލޯނާގެ ތިންވަނަ ލަނޑު ރޫނީ ބާޑްޖީ ކާމިޔާބުކުރިއިރު، މެޗުގެ 38 ވަނަ މިނެޓުގައި ރަފީނިއާ ވަނީ ހިތްގައިމު ލަނޑެއް ޖަހައި، ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާއަށް 4-0 ގެ ލީޑެއް ހޯދައިދީފައެވެ.
ދެވަނަ ހާފު ފެށިގެން ހަތަރު މިނެޓު ތެރޭގައި ބްރެޒިލްގެ ކުޅުންތެރިޔާ ރަފީނިއާ ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ނަތީޖާ 5-0 އަށް ބަދަލުކޮށްލާފައެވެ. މިއީ ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ބާސެލޯނާއިން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހޯދި ނުވަވަނަ މޮޅެވެ.
އަންނަ އާދިއްތަ ދުވަހު ޖިއްދާގައި ކުޅޭ ފައިނަލް މެޗުގައި ބާސެލޯނާ ބައްދަލުކުރަން ޖެހޭނީ ބުރާސްފަތި ދުވަހުގެ ރޭ އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. ސައުދީ އަރަބިއްޔާ އާއި ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ 2029 ވަނަ އަހަރާ ހަމައަށް މި މުބާރާތް އެ ގައުމުގައި ބޭއްވުމަށް އެއްބަސްވުން އާކޮށްފައެވެ.


