ލޯކަލް/ޑަބްލިޔުޑީސީ އިންތިޚާބުގައި ޖުމްލަ 621 ވޯޓު ފޮށި، ރާއްޖެއިން ބޭރުގައި 2 ފޮށި ބަހައްޓަނީ
8 ޖެނުއަރީ 2026 - 01:40

2026 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ބަހައްޓާނެ ވޯޓު ފޮށިތަކުގެ ތަފްސީލު އިލެކްޝަންސް ކޮމިޝަނުން ބުދަ ދުވަހު އާންމުކޮށްފިއެވެ.
މިގޮތުން ވޯޓުފޮށީގެ ނަންބަރާއި، ކޯޑާއި، ވޯޓުލާ ސަރަޙައްދުގެ އިތުރުން ފޮށި ބަހައްޓާ ރަށާއި ތަނުގެ މަޢުލޫމާތު މިހާރު ވަނީ އާންމުކޮށްފައެވެ.

Ad by Hajj Corporation
މި އިންތިޚާބުގައި ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުގެ ރަށްރަށުގައި ބަހައްޓާ 321 ވޯޓު ފޮށްޓާއި، މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ބަހައްޓާ 240 ވޯޓު ފޮށްޓެވެ. މާލެ ސަރަޙައްދުގައި ބަހައްޓާ ފޮށިތަކަކީ މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި، ކުޅުދުއްފުށި، ފުވައްމުލައް، ތިނަދޫ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށް ބަހައްޓާ ފޮށިތަކެކެވެ.
މީގެ އިތުރުން، އިޤްތިޞާދީ އަދި އިޖުތިމާޢީ އެކި ދާއިރާތަކަށް ޚާއްޞަކޮށްގެންވެސް ވޯޓު ފޮށިތައް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރިސޯޓްތަކުގައި 50 ވޯޓު ފޮށި، ޖަލުތަކުގައި 5 ވޯޓު ފޮށި، އަދި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި 3 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ވޯޓުލުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ރާއްޖެއިން ބޭރުގައި 2 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ކަނޑައަޅާފައެވެ.
މި އިންތިޚާބަކީ ޖުމްލަ 225 ދާއިރާއަކުން ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބޮޑު އިންތިޚާބެކެވެ. ވޯޓު ފޮށިތަކާ ގުޅޭ އެންމެހާ ތަފްސީލީ މަޢުލޫމާތު މިހާރު ދިވެހި ސަރުކާރުގެ ގެޒެޓުގައި އަދި އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ވެބްސައިޓުގައި ވަނީ ޝާއިޢުކޮށްފައެވެ.
ވޯޓު ފޮށިތަކުގެ މައޫލޫމާތު ލިންކު: https://lnk.bio/elections.mv


