އެފްޑީސީން 1055 އެޕާޓްމަންޓުގެ ތަޅުދަނޑި ހަވާލުކޮށްފި
8 ޖެނުއަރީ 2026 - 03:59

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 4،000 ފްލެޓުގެ ތެރެއިން 1،055 އެޕާޓްމަންޓެއްގެ ތަޅުދަނޑި ވެރިފަރާތްތަކާ ހަވާލުކޮށްފިއެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ އެގްރީމަންޓުތަކުގައި ސޮއިކޮށް، ޑިޕޮޒިޓް ދައްކާފައިވާ އެންމެނަށްވެސް މިހާރު އެޕާޓްމަންޓުގެ ތަޅުދަނޑި ލިބޭނެ ތާރީޚު އެ ކުންފުނީގެ ފަހި ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށެވެ. އެގޮތުން، މިހާރުވެސް 2،349 އެޕާޓްމަންޓުގެ ތަޅުދަނޑި ހަވާލުކުރަން ތާވަލުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމްދާން އިތުރަށް ވިދާޅުވީ މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށްވާތީ ތަޅުދަނޑި ހަވާލުކުރަން ޝެޑިއުލް ކުރާ ތާރީޚަށް، ތަޅުދަނޑިއާ ހަވާލުވާން ނާދެވޭ މީހުންނަށް ލުއިތަކެއް ފަހިކޮށްދީފައިވާނެ ކަމަށެވެ. އެގޮތުން، ޕޯޓަލް މެދުވެރިކޮށް އެހެން ތާރީޚަކަށް އެދުމާއި ވެރިފަރާތުގެ ބަދަލުގައި އެހެން މީހަކު ފޮނުވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މިހާރުވެސް 1،055 އެޕާޓްމަންޓުގެ ތަޅުދަނޑި ހަވާލުކޮށް ނިމިފައިވާއިރު އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގައި ދުވާލަކު 600 މީހުންނާ ތަޅުދަނޑި ހަވާލުކުރުން ކަމަށްވެސް ހަމްދާން ވިދާޅުވިއެވެ.
ހަމްދާން ވިދާޅުވީ މިހާރު މަސައްކަތްތައް ކުރިއަށްދާ ހަލުއިމިނަށް ބަލާއިރު މި މަހުގެ ފުރަތަމަ ދެ ހަފުތާ ނިމޭއިރު ޑިޕޮޒިޓް ދައްކާފައިވާ ހުރިހާ ފަރާތަކާ ތަޅުދަނޑި ހަވާލުކޮށް ނިމޭނެ ކަމަށް ލަފާ ކުރެވޭނެ ކަމަށެވެ.

Ad by Hajj Corporation
އަމާން ދޯދި އަދި އަމާން އުދަރެސްގެ އެޕާޓްމަންޓުތަކުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ހަމްދާން ވިދާޅުވީ ކުރީ ސަރުކާރުން އެ މަޝްރޫއުގެ ސްކޯޕްގައި ހިމަނާފައި ހުރި ހުރިހާ މަސައްކަތެއް މި ސަރުކާރުން ކުރިން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ކަރަންޓާއި، ފެނާއި ނަރުދަމާގެ މަސައްކަތް އޭރު ސްކޯޕްގައި ނެތުމުން އެ މަސައްކަތްތައް މި ސަރުކާރުން ކުރިއަށްގެންގޮސްފައިވާ ކަމަށާއި މިހާރު ދެ ތަނުގެވެސް ހުރިހާ ޓަވަރެއްގެ ކަރަންޓާއި، ފެނާއި ނަރުދަމާގެ މަސައްކަތް ނިމިފައިވާ ކަމަށް ހަމްދާން ވިދާޅުވިއެވެ.
ސަރުކާރުން ނިންމާފައިވާގޮތުގައި ތަޅުދަނޑި ހަވާލުކުރާ ތާރީޚުން ފެށިގެން ތިން މަސް ދުވަސް ވަންދެން އެޕާޓްމަންޓުތަކަށް ކުލި ދައްކާކަށް ނުޖެހެއެވެ. ނަމަވެސް އެ މުއްދަތުގައި މެއިންޓެނަންސް ފީ ދައްކަން ޖެހެއެވެ.


