އަވަސް އެޕް މެދުވެރިކޮށް ފިޠުރު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި
8 ޖެނުއަރީ 2026 - 08:22

އާންމުންނަށް ފަސޭހަކަމާއެކު ޒަކާތް ދެއްކޭނެ އިންތިޒާމުތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، އަވަސް އެންޓަޕްރައިސަސްގެ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ފިޠުރު ޒަކާތް ބަލައިގަތުމަށް މޯލްޑިވްސް ޒަކާތު ހައުސްއާއި އަވަސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި މި ފަހުމުނާމާގައި ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ، ޒަކާތު ހައުސްގެ ފަންޑު މެނޭޖަރ ޢަބްދުﷲ ޢަލީއެވެ. އަދި އަވަސް އެންޓަރޕްރައިސަސްގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޔާނިއު ރަމީޒެވެ.
މިއީ، ރާއްޖޭގެ އެކި ކަންކޮޅުތަކުން ޒަކާތް ދައްކާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފައިސާ ދެއްކޭނެ މަގުތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ. މި ފަހުމުނާމާގެ ދަށުން، އަވަސް އެންޓަޕްރައިސަސްގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ފިޠުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް މިއަހަރުގެ ރަމަޟާން މަހުން ފެށިގެން ރަސްމީކޮށް ފަށާނެއެވެ.
މި ފަހުމުނާމާގެ ދަށުން، އަވަސް އެންޓަޕްރައިސަސްގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ޒަކާތް ދައްކާއިރު އާންމުންގެ އަތުން އިތުރު އެއްވެސް ފީއެއް ނުނަގާނެއެވެ. މީގެ އިތުރުން، އެ ޕްލެޓްފޯމުތަކުން ބަލައިގަންނަ ޒަކާތުގެ ފައިސާ މޯލްޑިވްސް ޒަކާތު ހައުސްއަށް ބަދަލު ކުރުމުގައިވެސް އަވަސް އެންޓަޕްރައިސަސްއިން އެއްވެސް ފީއެއް ނުނަގާނެއެވެ. އެކަމުގެ މަޤްޞަދަކީ، ޒަކާތް ދައްކާ ފަރާތްތަކުން ދައްކާ ފައިސާ ޒަކާތުގެ ބެހެނިވެރީންނަށް ފުރިހަމައަށް ފޯރުކޮށްދެވޭނޭކަން ކަށަވަރު ކުރުން ކަމަށް ޒަކާތު ހައުސްއިން ބުނެފައިވެއެވެ.
މިއީ ޒަކާތުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، އާންމުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަށް ޒަކާތު ހައުސްއިން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް އެއިދާރާއިންބުނެފައިވެއެވެ.އަދި އިތުބާރު ހުރި ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ބޭނުން ހިފައިގެން، ޒަކާތް ދެއްކުމުގެ ކަންކަން ފަސޭހަ، ދެފުށް ފެންނަ އަދި ހަލުވި ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަކީ ޒަކާތު ހައުސްގެ އަމާޒެކެވެ.
އަވަސް އެންޓަޕްރައިސަސްއާއެކު ފަހުމުނާމާގައި ސޮއިކުރުމާއެކު، ޝަރުޢީ ހަމަތަކުގެ މަތިންނާއި އާންމުންގެ އިތުބާރު ދަމަހައްޓަމުން، ޒަކާތް ބަލައިގަތުމާއި ބެހުމުގެ ނިޒާމު ޒަމާނީ ކުރުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ގެންގުޅޭ ތަޞައްވުރު ރަމްޒުކޮށްދޭ ކަމަށް އެއިދާރާއިންވަނީ ބުނެފައެެވެ.އަދި ޒަކާތުގެ ޚިދުމަތްތަކަކީ، ބޭނުންކުރަން ފަސޭހަ އަދި އެންމެންނަށް ބައިވެރިވެވޭ ޚިދުމަތްތަކަކަށް ހެދުމަށާއި، ޒަކާތުގެ ފައިސާ ވަގުތުން ބަލައިގަނެ، ޒަކާތުގެ ބެހެނިވެރީންނަށް އެންމެ އެދެވޭ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ޒަކާތު ހައުސްއިން ދަނީ އައު އީޖާދީ ހައްލުތަކާއި އިސްތިރާޖީ ގުޅުންތައް ޤާއިމްކުރަމުން ކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ.


