މިއަހަރަށް މަޖިލިސް ހުޅުވާ ޖަލްސާ ފެބްރުއަރީ 5 ވަނަ ދުވަހު ބާއްވަނީ
11 ޖެނުއަރީ 2026 - 07:35

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާ ޖަލްސާ އަންނަ ފެބްރުއަރީ މަހުގެ 5 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
މަޖިލިސް އިދާރާ އިން ހާމަކުރި ގޮތުގައި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާ ބާއްވާނެ ތާރީހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވަނީ ކަނޑައަޅުއްވާފައެވެ. އަދި އެ ޖަލްސާ އޮންނާނީ އެ ދުވަހުގެ ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ކަމަށެވެ.

Ad by Hajj Corporation
ނިމިދިޔަ 2025 ވަނަ އަހަރުގެ މަޖިލީހުގެ ޖަލްސާތައް ނިންމާ، މަޖިލިސް ޗުއްޓީއަށް ދިޔައީ ޑިސެމްބަރު 3 ވަނަ ދުވަހުއެވެ. ނަމަވެސް އޭގެ ފަހުން މި މަހުގެ ތެރޭގައި ދައުރުން ބޭރުން ދެ ޖަލްސާއެއް ވަނީ ބާއްވާފައެވެ.
ދައުރުން ބޭރުން ބޭއްވި ޖަލްސާތަކުގައި މުހިންމު އިސްލާހުތަކެއް ހުށަހެޅިއެވެ. އޭގެ ތެރޭގައި ރިޔާސީ އިންތިހާބާއި ކައުންސިލް އިންތިހާބު އެއްކޮށްލުމަށް ހުށަހެޅި އިސްލާހު، ބޮޑު ބައްޔަކަށް ފަރުވާކުރުމަށް ޕެންޝަން ފައިސާ ނެގޭ އިސްލާހު އަދި ޖުވާކުޅުމަށް އަދަބު ދިނުމަށް ހުށަހެޅި އިސްލާހު ހިމެނެއެވެ.
މަޖިލީހުގެ ޗުއްޓި ދުވަސްވަރު މަދު މެމްބަރުން ކޮޅަކާއެކީ ކުރިން އެންގުމެއްނެތި ޖަލްސާތައް ކުރިއަށް ގެންދާތީ އެމްޑީޕީ މެމްބަރުން ވަނީ ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާތައް ބޯއިކޮޓް ކޮށްފަ އެވެ.
މަޖިލީހުގެ އެންމެ ފަހު ދައުރުގައި 28 ޖަލްސާ އެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި މަޖިލީހުގެ ތަޅުމުގައި 64 ގަޑިއިރު މަސައްކަތް ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި 142 ކޮމިޓީ ބައްދަލުވުމެއްގައި120 ގަޑިއިރު މެމްބަރުން މަސައްކަތް ކުރައްވާފައިވެއެވެ.
މަޖިލީހުގެ އެންމެ ފަހު ދައުރުގައި މަޖިލީހުގެ ތަޅުމުން 15 ބިލެއް ފާސްކޮށްފައިވެއެވެ. މީގެ ތެރޭގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގާނޫނަށް ގެނައި އިސްލާހު، މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް ގެނައި އިސްލާހު، ޓެރޭޑްމާކުގެ ބިލު، ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު، ޖަނަވާރު ގެންގުޅުމާއި ޖަނަވާރު ރައްކާތެރިކުރުމުގެ ބިލު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް ގެނައި އިސްލާހު، އިދާރީ ދާއިރާތައް ލާމަރުކަޒީތައް އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހު، ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނަށް ގެނެވުނު އިސްލާހު، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ އިނާޔަތާއި ރައްކާތެރިކަމުގެ ގާނޫނަށް ގެނައި އިސްލާހު އަދި ޒަކާތުގެ ބިލު ހިމެނެއެވެ.


