އެފްއޭ ކަޕުން ޔުނައިޓެޑް ކަޓައި ސީޒަން ހުސްއަތާ ނިންމާލަނީ، ޗެލްސީ އާއި އާސެނަލް ކުރިއަށް
12 ޖެނުއަރީ 2026 - 03:34

އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުން ޗެލްސީ އާއި އާސެނަލް ޖާގަ ހޯދިއިރު، ބްރައިޓަން އަތުން ބަލިވެ މެންޗެސްޓަރ ޔުނައިޓެޑް މުބާރާތުން ކަޓައިފިއެވެ. މި ނަތީޖާއާއެކު، މި ސީޒަނުގައި ތައްޓެއް ހޯދުމަށް ޔުނައިޓެޑަށް އޮތް ފަހު އުއްމީދުވެސް މިވަނީ ގެއްލިފައެވެ.
ޗެލްސީގެ ފުރިހަމަ މޮޅެއް

Ad by Hajj Corporation
ލިއަމް ރޮސީނިއާގެ އިރުޝާދުގެ ދަށުން ޗެލްސީ ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ވަނީ ޗާލްޓަން އެތުލެޓިކްގެ މައްޗަށް 5-1 ގެ ބޮޑު މޮޅެއް ހޯދާފައެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖޮރެލް ހާޓޯ ޖެހި ލަނޑުން ޗެލްސީން ކުރިހޯދިއިރު، ދެވަނަ ހާފުގައި ޓޯސިން އަޑަރަބިއޯޔޯ އަދި މާކް ގުއިއު ވަނީ ލަނޑު ޖަހައި ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ ފަހުކޮޅު ޕެޑްރޯ ނެޓޯ އާއި އެންޒޯ ފެނާންޑޭޒް ޖެހި ލަނޑުތަކާއެކު ޗެލްސީން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

މާޓިނެލީގެ ހެޓްރިކާއެކު އާސެނަލް ކުރިއަށް
ޕޯޓްސްމައުތު އަތުން ކުރީކޮޅު ލަނޑެއް ސޮއްސާލި ނަމަވެސް، އާސެނަލް ވަނީ ފަހަތުން އަރައި 4-1 އިން މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގައި އާސެނަލްގެ ގެބްރިއަލް މާޓިނެލީ ވަނީ ހެޓްރިކެއް ހަދައި މޮޅު ކުޅުމެއް ދައްކާފައެވެ. އާސެނަލްގެ ފެންވަރު ރަނގަޅު ކުޅުމާއި ސެޓް-ޕީސްތަކުގެ ވަރުގަދަކަން މި މެޗުން ފެނިގެންދިޔައެވެ.

ޔުނައިޓެޑަށް އިތުރު މާޔޫސްކަމެއް
އޯލްޑް ޓްރެފޯޑުގައި ކުޅުނު މެޗުގައި ބްރައިޓަން އަތުން 2-1 އިން ބަލިވެ، މެންޗެސްޓަރ ޔުނައިޓެޑް ވަނީ މުބާރާތުން ވަކިވާން ޖެހިފައެވެ. ބްރައިޓަން މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ޑެނީ ވެލްބެކްއެވެ. ޔުނައިޓެޑަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ މި ސީޒަނުގައި އެއްވެސް ތައްޓެއް ނުލިބި ސީޒަން ނިންމާލަން މަޖުބޫރުވުމެވެ. އެފްއޭކަޕުން ޔުނައިޓެޑް ކެޓުމުން މިސީޒަުގައި ބާކީ ޔުނައިޓެޑް އަށް އޮތީ ލީގު އެކަންޏެވެ. ލީގުގައި ޔުނައިޓެޑް މިވަގުތު އޮތީ 7 ވަނައިގައެވެ.


