ރިޝްވަތުގެ އެހީގައި މަޤާމުތަކަށް އަންނަ ފަރާތްތަކަކީ ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގަނެ، އަމިއްލަ މަސްލަހަތަށް މަސައްކަތްކުރާނެ ބައެއް: އޭސީސީ
12 ޖެނުއަރީ 2026 - 10:42

އަންނަ 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ވޯޓުލާ މީހުންގެ މެދުގައި ހިންގާ ރިޝްވަތުގެ ޢަމަލުތަކުން ދުރުހެލިވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އިލްތިމާސްކޮށްފިއެވެ. އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ، މި ދުވަސްވަރަކީ އަމިއްލަ ގޮތުންނާއި ސިޔާސީ ޕާޓީތަކުގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓުން ތާއީދު ހޯދުމުގެ މަސައްކަތް ފޯރިއާއެކު ކުރަމުންދާ ދުވަސްވަރެއް ކަމަށެވެ.
އޭސީސީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި ބާއްވާ އާންމު އިންތިޚާބުތަކުގައި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގައްޔާއި ވޯޓު ދިނުމުގެ ޙައްޤު އަދާކުރުމުގައި ރިޝްވަތުގެ މުޢާމަލާތްތައް ހިނގާކަން ފާހަގަކުރެވެއެވެ. މިފަދަ މައްސަލަތައް އިތުރުވުމަކީ ދައުލަތުގެ މުވައްސަސާތަކަށް އޮންނަ އިތުބާރު ގެއްލި، މުޅި މުޖުތަމަޢަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

Ad by Hajj Corporation
"ރިޝްވަތުގެ މުޢާމަލާތްތަކުގެ ތެރެއިން ވޯޓު ގަނެގެން މަޤާމުތަކަށް އިންތިޚާބުވުމަށް ވިސްނާ ކެންޑިޑޭޓުންނަކީ، ރައްޔިތުންގެ ޙަޤީޤީ ބާރުވެރިކަން ރައްޔިތުންގެ އަތުން ނިގުޅައިގަނެ، ހަމައެކަނި އެފަރާތްތަކުގެ އަމިއްލަ މަސްލަޙަތަށް މަސައްކަތްކުރާ ބައެއް" ކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އަމިއްލަ ވަގުތީ ފައިދާއަށްޓަކައި ވޯޓު ވިއްކާލުމަކީ އަމިއްލަ ނަފްސަށާއި މުޅި ޤައުމަށް ވެވޭ ޚިޔާނާތެއްގެ ގޮތުގައި އެ ކޮމިޝަނުން ސިފަކުރެއެވެ.
ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޙަޤީޤީ މަންފާ ރައްޔިތުންނަށް ލިބޭނީ، ރަށާއި ދާއިރާގެ ތަރައްޤީއަށް އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރާނެ ޤާބިލު ބަޔަކު އިންތިޚާބު ކޮށްގެން ކަމަށް އޭސީސީން ބުނެއެވެ. އެހެންކަމުން، އިންތިޚާބާ ގުޅޭ ނިންމުންތައް ނިންމުމުގައި ނަޒާހަތްތެރިކަން އިސްކުރުމަކީ މުސްތަޤުބަލަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް ބަޔާނުގައިވެއެވެ.
އިންތިޚާބީ ރިޝްވަތުގެ ކުށްތައް ހުއްޓުވުމަށް ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގައި ޚާއްޞަ ސަމާލުކަމެއް ދީފައިވާކަން ފާހަގަކުރަމުން، އޭސީސީން ވަނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 74 ވަނަ މާއްދާއަށް ހުރިހާ ފަރާތްތަކުންވެސް އިޙްތިރާމް ކުރުމަށް ގޮވާލާފައެވެ. މި މާއްދާގައި އިންތިޚާބީ ރިޝްވަތުގެ ގޮތުގައި ބެލެވޭނެ ޢަމަލުތައް ސާފުކޮށް ބަޔާންކޮށްފައިވެއެވެ.
''އެހެންކަމުން، އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ރިޝްވަތުގެ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް ކޮމިޝަނުން އިލްތިމާސްކުރަމެވެ. އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ރިޝްވަތަކަށްވާ ގޮތަށް އެއްވެސް ފައިސާއެއް ނުވަތަ އެއްޗެއް، އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، އެފަދަ ހުށަހެޅުމެއްގެ މަޢުލޫމާތު މި ކޮމިޝަނަށް ފޯރުކޮށްދިނުމަށް އިލްތިމާސްކުރަން'' އޭސީސީން ބުނެފަވެއެވެ.
މީގެ އިތުރުންވެސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ނުވަތަ އިންތިޚާބަށް ކެމްޕޭންކުރަމުންދާ ފަރާތްތަކުން އިންތިޚާބީ ދާއިރާއެއްގެ ވޯޓަށް އަސަރުކުރާނެ ފަދަ ގޮތަކަށް ކޮރަޕްޝަންގެ ޢަމަލެއް (ނާޖާއިޒުފައިދާ ހޯދުން ނުވަތަ ހޯދައިދިނުން، ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުން، އަމިއްލަ ފައިދާ ލިބޭގޮތަށް ދައުލަތުގެ ތަކެތި ބޭނުންކުރުން) ހިންގާކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ އެފަދަ ކަމެއް ލަސްނުކޮށް އެ ކޮމިޝަނަށް ރިޕޯޓްކޮށްދިނުމަށާއި، ރިޕޯޓް ކުރުމުގައި މައްސަލަ ތަފްސީލުކޮށް ބަޔާންކުރުމާއިއެކު މައްސަލަރައްދުވާފަރާތް ނުވަތަ އިދާރާ އަދި މައްސަލަ ހިނގި ނުވަތަ ހިނގަމުންދާ ދުސްވަރު ބަޔާންކުރުމަށް އޭސިސީން ވަނީ އެދިފައެވެ. އަދި އެފަދަ މައްސަލައެއް މިކޮމިޝަނަށް ހުށަހަޅައިފިނަމަ ނުވަތަ އެފަދަ ކަމެއް އެއްވެސް ގޮތަކުން މިކޮމިޝަނަށް ފާހަގަކުރެވިއްޖެނަމަ، އެކަމެއް މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށް އޭސީސީން ވަނީ ބުނެފައެވެ.


