އޭސީސީގެ އިންވެސްޓިގޭޓަރުން މަދުވުމުގެ މައްސަލަ ޙައްލުކުރަން ޑިޕްލޮމާ ކޯހެއް ފަށަނީ
5 ނޮވެމްބަރު 2026 - 13:19

ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފަންނީ ގޮތުން ޤާބިލު އިންވެސްޓިގޭޓަރުން ލިބެން ނެތުމުގެ ސަބަބުން ކުރިމަތިވެފައިވާ އިންސާނީ ވަސީލަތުގެ ދަތިކަން ޙައްލުކުރުމަށްޓަކައި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓްކޮށްފައިވާ "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ރަސްމީކޮށް ފެށުމަށް މޯލްޑިވްސް ނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީ (އެމްނާކާ) އިން ނިންއިފިއެވެ.
ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް އެޅިފައިވާ އެންމެ ބޮޑު އެއް ހުރަހަކީ މި ދާއިރާއަށް ޚާއްޞަވެގެން ތަމްރީނު ލިބިފައިވާ އިންވެސްޓިގޭޓަރުން މަދުވުމާއިއެކު، މި ހުސްކަން ފުރައިލުމަކީ ދައުލަތުގެ ޢަދުލުގެ ނިޒާމަށާއި މުއައްސަސާތަކުގެ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ކޯހާ ގުޅޭގޮތުން އެމްނާކާގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ޠައްޔިބު ވިދާޅުވީ، ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ފުރިހަމައަށް ތަޙުޤީޤުކުރުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފަންނީ ގޮތުން ޤާބިލު، ތަމްރީނުވެފައިވާ އިންވެސްޓިގޭޓަރުން ލިބެން ނެތުން ކަމަށެވެ.
އެމްނާކާއިން ފަށަން މި ތައްޔާރުވާ އެމްކިއުއޭ އެކްރެޑިޓެޑް ޑިޕްލޮމާ ކޯހަކީ މި ޤައުމީ ހުސްކަން ފުރައިލައި، ބައިނަލްއަޤްވާމީ ފެންވަރުގެ ޒަމާނީ ހުނަރުތަކާއެކު އައު ޖީލެއްގެ އިންވެސްޓިގޭޓަރުން ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެއް: ޠައްޔިބު
އޭސީސީ އިން ބުނިގޮތުގައި އެމްކިއުއޭ އިން ފާސްކޮށްފައިވާ މި ޑިޕްލޮމާ ކޯހަކީ ތަޙުޤީޤީ ދާއިރާގެ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ކޯހުގެ ތެރެއިން ތަޙުޤީޤީ މަސައްކަތުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ނަޒާހަތްތެރިކަން ދެމެހެއްޓުމާއި، ހަރުދަނާ އުސޫލުން ކޭސް މެނޭޖްމަންޓް ކުރިއަށްގެންދިއުމުގެ ހުނަރު ދަސްކޮށްދެވޭނެ ކަމަށް އޭސީސީ އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން، ޤާނޫނީ ހަމަތަކުގެ މަތިން ހެކި ހޯދުމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ޗެއިން އޮފް ކަސްޓަޑީ ކަށަވަރުކުރުމާއި، ޑިޖިޓަލް ފޮރެންސިކްސް އަދި މާލީ މުޢާމަލާތްތަކާއި ލިޔެކިޔުންތައް ފޮރެންސިކް ތަޙުލީލު ކުރުމުގެ ޤާބިލުކަން ބިނާކުރެވޭނެއެވެ. އަދި ދައުލަތުގެ މާލީ ނިޒާމުތަކާއި ޕްރޮކިއުމަންޓް ޤަވާއިދުތަކަށް އަހުލުވެރިކުރުވައި، ޚިޔާނާތާއި ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތައް ދެނެގަތުމާއި، އިންޓަވިއު ކުރުމާއި ބަޔާން ނެގުމުގެ އިތުރުން އިންޓެލިޖެންސް މަޢުލޫމާތު އެއްކޮށް ތަޙުލީލުކުރުމުގެ ޒަމާނީ ފަންނީ ހުނަރުތައް ވެސް މި ކޯހުގައި ކިޔަވައިދެވޭނެ ކަމަށް އޭސީސީ އިން ބުންޏެވެ.

-01.jpg&w=3840&q=75)
