އަތުލައިގަތީ 2015 ވަނަ އަހަރުން ފެށިގެން ޑްރަގް ޓްރެފިކް ކުރަމުން ގެންދާ ބޮޑު ނެޓްވޯކެއް
13 ޖެނުއަރީ 2026 - 02:39

ރާއްޖެ އަށް ޑްރަގް އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރުމުގެ ތުހުމަތުގައި ގއ. އަތޮޅުން މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކުރީ 2015 ވަނަ އަހަރުން ފެށިގެން ޑްރަގް ޓްރެފިކް ކުރަމުން ގެންދާ ބޮޑު ނެޓްވޯކެއްގެ ބަޔަކުކަމަށް ފުލުހުން ބުނެފިއެވެ.

Ad by Hajj Corporation
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ނެޓްވޯރކްތައް ހުއްޓުވައި، ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން 2026 ޖަނަވަރީ 11 ވަނަ ދުވަހު ގއ.އަތޮޅާއި މާލޭ ސަރަހައްދުގައި ހިންގި އޮޕަރޭޝަންގައި 10 ތަނެއް ބަލައި ފާސްކޮށް 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ގއ. އަތޮޅުގައި ހިންގި އޮޕަރޭޝަން
ފުލުހުން ހޯމަ ދުވަހުގެރޭ ނެރުނު ބަޔާނެއްގައު ބުނީ މި އޮޕަރޭޝަނަކީ، ގއ. އަތޮޅުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ އިތުރުން، މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ޝެވޯނާ / ގއ.ވިލިނގިލި، ޝައްފާޙް ލަޠީފް (28އ) އާއި މިޔުޒިކީއާގެ / ގއ.ވިލިނގިލި، އަޙްމަދު މަދީޙު (33އ) އާއި އައިޒަން / ގއ.ވިލިނގިލި، އަޙްމަދު އަނާމް އިބްރާހީމް (30އ) އަދި އަރާއިރުގެ / ގއ.ވިލިނގިލި، ނޫރުއްނިޡާމް (35އ) އެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާޙް ލަޠީފާއި އަޙްމަދު މަދީޙާއި އަޙްމަދު އަނާމް އިބްރާހީމް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އަދި ނޫރުއްނިޡާމް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައިކަމަށް ފުލުހުން ބުންޏެވެ.
ބޮޑު ނެޓްވޯކެއްގެ ބަޔެއް
މި އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތަރު މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހުންނެވެ.
ފުލުހުން ބުނިގޮތުގައި މި ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް ފުލުހުން ހާއްސަ ތަހުގީގެއް ފަށާފައިވަނީ 2025 މާރިޗް މަހުއެވެ.
''މި ނެޓްވޯރކުން 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުން ގެންދާކަން ފުލުހުންގެ ތަހުގީގަށް ވަނީ ހޯދިފައި، އެގޮތުން ފާއިތުވި 05 އަހަރު ތެރޭގައި މިނެޓްވޯރކް މެންބަރުންގެ ބޭންކް އެކައުންޓުތަކުގައި 300 މިލިއަން އަށް ވުރެން ގިނަ ދިވެހި ރުފިޔާ އާއި 4 ލައްކަ އަށް ވުރެން ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާ ކަން ވަނީ ފާހަގަކުރެވިފައި'' ފުލުހުން ބުންޏެވެ.
މި ނެޓްވޯރކް އިސްވެ ހިންގާ ފަރާތާއި އަދި އޭނާގެ ދަށުން، މަސްތުވާތަކެތި ވިއްކާ ވިޔަފާރިކޮށް މަނީލޯންޑަރ ކުރުމުގައި އެކި ގޮތްގޮތުން ހަރަކާތެރިވާ 19 ފަރާތެއް ފުލުހުންގެ ތަހުގީގަށް ދެނެގަނެވިފައިވެއެވެ. މި ހުރިހާ ފަރާތްތަކުގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންކަމަށް އެ އިދާރާއިން ބުންޏެވެ.
ހައްޔަރުކުރި މީހުންގެ އެކައުންޓްތަކަށް އާމްދަނީ އާއި ނުބައްދަލު ފައިސާ
މި މައްސަލާގައި މިހާރު ފުލުހުންގެ ބަންދުގައި ހުރި އަޙްމަދު މަދީޙުގެ ބޭންކު އެކައުންޓުތަކުގައި 17,174,461.12 (ސަތާރަ މިލިއަން އެއްލައްކަ ހަތްދިހަ ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ ބާރަ ލާރި) ދައުރު ކޮށްފައިވެއެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި އޭނާގެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 430,638.99 (ހަތަރުލައްކަ ތިރީސް ހާސް ހަ ސަތޭކަ ތިރީސް އަށް ރުފިޔާ ނުވަދިހަ ނުވަ ލާރި) އެވެ.
މީގެ އިތުރުން، އަޙްމަދު އަނާމް އިބްރާހީމް ގެ ބޭންކް އެކައުންޓުތަކުގައި 38،812،690.60 (ތިރީސްއަށް މިލިން އަށްލައްކަ ބާރަހާސް ހަސަތޭކަ ނުވަދިހަ ރުފިޔާ ފަސްދޮޅަސް ލާރި) ވަނީ ދައުރު ކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި އަޙްމަދު އަނާމް އިބްރާހީމްގެ ބޭންކް އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 271،874.32 (ދެލައްކަ ހަތްދިހަ އެއްހާސް އަށްސަތޭކަ ހަތްދިހަ ހަތަރު ރުފިޔާ ތިރީސް ދޭއް ލާރި) އެވެ.
ޝައްފާޙް ލަޠީފް ގެ ބޭންކް އެކައުންޓުތަކުގައި 6،916،752.83 (ހަ މިލިޔަން ނުވަލައްކަ ސޯޅަހާސް ހަތްސަތޭކަ ފަންސާ ދޭއް ރުފިޔާ އަށްޑިހަ ތިން ލާރި) ވަނީ ދައުރު ކޮށްފައެވެ. މި މުއްދަތު ތެރޭގައި ޝައްފާޙް ލަޠީފްގެ ބޭންކް އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 371،635.36 (ތިންލައްކަ ހަތްދިހަ އެއްހާސް ހަސަތޭކަ ތިރީސް ފަސް ރުފިޔާ ތިރީސް ހަ ލާރި) އެވެ.
މި މައްސަލައިގެ ތަހުގީގަށް، ކޯޓު އަމުރެއްގެ ދަށުން މިހާތަނަށް 13 ފަރާތެއްގެ 53 ބޭންކު އެކައުންޓު ފްރީޒް ކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.


