ޑްރަގް ޓްރެފިކިން މައްސަލައެއްގައި އުމުރުން ދޮށީ އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2026 - 10:35

ޑްރަގް ޓްރެފިކިން މައްސަލައެއްގައި އުމުރުން ދޮށީ އަންހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން އެ މައްސަލާގައި ހައްޔަރުކުރީ އައްޑޫ ފޭދޫ، މުށިކުލާގެ، އާމިނަތު އިބްރާހީމް 57އެވެ.

Ad by Hajj Corporation
ކްރިމިނަލް ކޯޓްގެ ބަންދު އަމުރުގައިވާ ގޮތުން އަންހެންމީހާ ހައްޔަރުކުރީ އޭނާގެ އަތުން ނުވަތަ ގުޅުން ހުރި ތަނަކުން، ޓްރެފިކް ކުރި ކަމަށް ބަލާ މިންވަރުގެ ބަރުދަން ހުރިި މަސްތުވާތަކެތި ފެނިގެންނެވެ. އެހެން ނަމަވެސް އެ ތުހުމަތަށް އޭނާ އިންކާރުކުރެއެވެ.
ކުރިން ވެސް ކުށުގެ ރެކޯޑް އޮންނަ އެ އަންހެންމީހާ ކުރު މުއްދަތަކަށް ބަންދުކުރަން އަމުރުކުރީ އޭނާ އަށް ވަކީލެއް ހަމަޖެހިފައި ވީ ނަމަވެސް އެ ވަކީލު އަދި ކޯޓަށް އައްޔަންވެފައި ނުވާތީ ކަމަށް ވެސް ކޯޓު އަމުރުގައި ވެއެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވަން ފުލުހުން ކުރާ މަސައްކަތް އިތުރުކޮށް، "އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ވެސް ވަނީ ފަށައިފައެވެ.
މި އޮޕަރޭޝަނުގައި ވަނީ ޑްރަގުގެ ވިޔަފާރިކޮށް މަނީ ލޯންޑާކުރާ ކަމަށް ތުހުމަތުވާ ހަތަރު މީހަކު ހައްޔަރުކޮށް، އެ މީހުންގެ އެކައުންޓްތަކުގައި މިލިއަނުން ފައިސާ ދައުރުކޮށްފައިވާކަން ދެނެގަނެފައެވެ.


