ޓްރަމްޕަކީ އޭނާގެ އަސްލު ބައްޕަ ކަމަށް ދައުވާކުރާ ތުރުކީ އަންހެން މީހާއަކީ ކާކު؟
13 ޖެނުއަރީ 2026 - 14:31

ތުރުކީގެ އަންކާރާއަށް ނިސްބަތްވާ އުމުރުން 55 އަހަރުގެ ނެކްލާ އޮޒްމެން އަކީ 2025 ގެ ފަހުކޮޅާއި 2026 ގެ ކުރީކޮޅު އިންޓަނެޓުގައި ބޮޑު ސަމާލުކަމެއް ހޯދި އަންހެނެކެވެ. އޭނާ ދައުވާކުރާ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ އޭނާގެ އަސްލު (ބަޔޮލޮޖިކަލް) ބައްޕައެވެ. އޭނާ ބުނާ ގޮތުގައި އޭނާ އުފަންވީ ޑޮނަލްޑް ޓްރަމްޕް ކައިވެނިން ބޭރުން ހިންގި ގުޅުމެއްގެ ތެރެއިންނެވެ. އޭނާ ވަނީ ޑީއެންއޭ ޓެސްޓެއް ހެދުމަށް އެދި ސެޕްޓެމްބަރު 2025 ގައި ދައުވާއެއް ހުށަހަޅާފައެވެ. ނަމަވެސް، ޝަރީއަތެއް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެކަށީގެންވާ ހެކި ނުވަތަ ހަގީގީ ބިންގަލެއް ހުށަހެޅިފައި ނުވާތީ، އެ މައްސަލަ ވަނީ ބޭރުކޮށްލާފައެވެ.
ނެކްލާ އޮޒްމެން އުފަންވީ 1970 ވަނަ އަހަރު ތުރުކީގައެވެ. އޭނާގެ ރަޖިސްޓްރީ ކުރެވިފައިވާ މައިންބަފައިންނަކީ ސާތީ އަދި ދުރުސުން އޮޒްމެން އެވެ. ދުރުސުން އޮޒްމެން 2009 ގައި މަރުވެފައިވާއިރު، ސާތީ އޮޒްމެން 2017 ގައި މަރުވުމުގެ ކުރިން ނެކްލާގެ އުފަންވުމާ ބެހޭ މައުލޫމާތު އޭނާއަށް ކިޔައިދިނެވެ. ނެކްލާ ބުނާ ގޮތުގައި، ސާތީ ހޮސްޕިޓަލެއްގައި ވިހެއީ މަރުވެފައިވާ ކުއްޖެކެވެ. އެ ވަގުތު ސޯފިއާ ކިޔާ އެމެރިކާގެ އަންހެނަކު އޭނާއާ އަލަށް އުފަންވި ކުއްޖަކު ހަވާލުކުރީއެވެ. އޭނާ ދައުވާކުރާ ގޮތުގައި ސޯފިއާ ބަނޑުބޮޑުވީ ޓްރަމްޕާ އެކު އޮތް ގާނޫނާ ހިލާފު ގުޅުމެއްގެ ތެރެއިންނެވެ. އަދި ފަހުން އެ ކުއްޖާ ދޫކޮށްލުމުން، އޮޒްމެންގެ އާއިލާއިން އެ ކުއްޖާ ރަޖިސްޓްރީ ކުރީއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އޭނާގެ އަސްލު ބައްޕަ އެ ދުވަސްވަރު މަސައްކަތް ކުރީ ނޭޓޯ ގައެވެ. އަދި އޭނާގެ މަންމައާ އޭނާ ހަވާލުކުރި ވަގުތު ޓްރަމްޕްގެ ފޮޓޯއެއް ދެއްކި ކަމަށްވެސް ބުނެއެވެ.

Ad by Hajj Corporation
އޮޒްމެން ވަނީ އެމެރިކާ އެމްބަސީއަށާއި އެމެރިކާގެ ކޯޓުތަކަށް ޕެޓިޝަނެއް ފޮނުވާފައެވެ.
"މިއީ ކިހާވަރެއްގެ ހަގީގަތެއްކަމެއް އަހަންނަކަށް ނޭނގޭ. އަހަރެން ބޭނުންވަނީ އޭނާއަކީ އަހަރެންގެ ބައްޕަތޯ ބަލަން،" އޮޒްމެން ބުންޏެވެ.
"އަހަރެން ބޭނުމެއް ނޫން އޭނާއަށް އެއްވެސް އުނދަގުލެއް ދޭކަށް. އަހަރެން ހަމައެކަނި ބޭނުންވަނީ ހަގީގަތް އެނގެން." އޭނާ ބުނި ގޮތުގައި މާލީ އެއްވެސް ފައިދާއެއް ހޯދުމުގެ ނިޔަތެއް އޭނާގެ ނެތެވެ. އޭނާ ހަމައެކަނި ބޭނުންވަނީ ހަގީގަތް އެނގުމަށެވެ. ފެންނަ ފެނުމުގައި، އޭނާގެ ސިފަޔާއި ޑޮނަލްޑް ޓްރަމްޕް އަދި ޓްރަމްޕްގެ އެހެން ދަރިންގެ ސިފަޔާ ދެމެދު އެއްގޮތްކަމެއް ހުރި ކަމަށް އޭނާއަށް ގަބޫލުކުރެވެއެވެ.


