"ތިބާ މަރުވީ ހެއްޔެވެ؟" އެކަނި ދިރިއުޅޭ މީހުންނަށް އަމާޒުކޮށްގެން ޗައިނާގައި އުފެއްދި އެޕަށް ބޮޑު މަގުބޫލުކަމެއް
14 ޖެނުއަރީ 2026 - 10:43

އެކަނި ދިރިއުޅޭ މީހުންނަށް އަމާޒުކޮށްގެން ޗައިނާގައި އުފެއްދި "ތިބާ މަރުވީ ހެއްޔެވެ؟" (Are you dead) ނަމަކަށް ކިޔާ އެޕެއް ވަރަށް ބޮޑަށް މަގުބޫލުވެ، ގިނަ ބަޔަކު އެ އެޕް ޑައުންލޯޑް ކުރަން ފަށައިފިއެވެ.
ޗައިނާ ބަހުން "ސިލެމޭ" (Sileme) ގެ ނަމުން ނަންދީފައިވާ މި އެޕަކީ، އެކަނި ދިރިއުޅޭ ކިޔަވާ ކުދިންނާއި ވަޒީފާ އަދާކުރާ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އުފެއްދި ލުއި ފަސޭހަ ވަސީލަތެކެވެ.

Ad by Hajj Corporation
މި އެޕް މަސައްކަތް ކުރާ ގޮތަކީ، އެޕް ބޭނުންކުރާ މީހާ ކުއްލި ހާލަތެއްގައި ގުޅޭނެ މީހެއްގެ ނަންބަރު ހިމަނަން ޖެހެއެވެ. އަދި އެޕް ބޭނުންކުރާ މީހާ ވިދިވިދިގެން ވަކި ދުވަސްތަކެއް ވަންދެން އެޕް މެދުވެރިކޮށް "ޗެކް-އިން" ނުވެއްޖެ ނަމަ، އޮޓޮމެޓިކުން އެ މީހަކަށް ނޮޓިފިކޭޝަން ފޮނުވައެވެ. މިއީ އެކަނި އުޅޭ މީހަކަށް ދިމާވާ ސިއްހީ ނުވަތަ އެނޫންވެސް ކުއްލި ނުރައްކަލެއްގެ ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީވެދޭނެ ނިޒާމެކެވެ.
ޗައިނާގެ ދައުލަތުގެ ނޫހެއް ކަމަށްވާ "ގްލޯބަލް ޓައިމްސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުގައި އެކަނި ދިރިއުޅޭ މީހުންގެ އަދަދު 200 މިލިއަނަށް އަރާފާނެއެވެ. މިއީ މުޅި އާބާދީގެ 30 އިންސައްތައަށް ވުރެ މަތީ އަދަދެކެވެ. މިފަދަ ބޮޑު އާބާދީއެއް އެކަނި ދިރިއުޅެމުންދާއިރު، މި އެޕަކީ ގިނަ ބަޔަކަށް ހިތްހަމަޖެހުން ލިބޭނެ ކަމެއް ކަމަށް ބެލެވެއެވެ.
''ހުރިހާ އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުން ދެއްވި ފޯރިގަދަ އެއްބާރުލުމަށް ޝުކުރު އަދާކުރަން. އަހަރެމެންނަކީ އަސްލު ނޭނގޭ ކުޑަ ޓީމެއް، މިއީ 1995 ގެ ފަހުން އުފަންވި ތިން މީހަކު ގުޅިގެން އަމިއްލައަށް ހިންގާ މަސައްކަތެއް،" މި އެޕް އުފެއްދި ޓީމުން ބުނެފައިވެއެވެ.
އެޕަލްގެ ޕެއިޑް އެޕް ޗާޓުގެ އެއްވަނައަށްވެސް މި ހަފުތާގައި މި އެޕް އަރާފައިވެއެވެ. އެޕްގެ މަގުބޫލުކަން އިތުރުވުމާ ގުޅިގެން، އެޕް އުފެއްދި ކުންފުނިން މިހާރު ވަނީ 8 ޔުއާން (1.15 ޑޮލަރު) ގެ ސަބްސްކްރިޕްޝަން ފީއެއް ތައާރަފުކޮށްފައެވެ. އަދި ބައިނަލްއަގުވާމީ މާކެޓަށް އަމާޒުކޮށްގެން އެޕްގެ ނަން "ޑެމޫމޫ" (Demumu) އަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ބައެއް ބޭނުންކުރާ ފަރާތްތަކުން ވަނީ އެޕްގެ އަސްލު ނަން ބަދަލުނުކުރުމަށް އެދި ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކޮށްފައެވެ.
މި އެޕް ބޭނުންކުރާ މީހަކު ބުނި ގޮތުގައި، ރައްކާތެރިކަމުގެ ގޮތުން މިއީ ވަރަށް ބޭނުންތެރި އެޕެއް ކަމަށާއި، މީގެ ސަބަބުން ކައިވެނި ނުކޮށް އެކަނި ތިބޭ މީހުންނަށް ހިތްހަމަޖެހުމާއެކު ދިރިއުޅުން ކުރިއަށް ގެންދަން ފަސޭހަވާނެއެވެ. އެޕްގެ ނަމާ މެދު ބައެއް މީހުންގެ ހިތްހަމަނުޖެހުން ހުރި ނަމަވެސް، އޭގެ ބޭނުންތެރިކަން ބޮޑުކަން ގިނަ ބަޔަކު ގަބޫލުކުރެއެވެ.


