މާލޭ މޭޔަރުކަމަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓު އާދަމް އާޒިމަށް
16 ޖެނުއަރީ 2026 - 17:07

މާލޭ މޭޔަރުކަމުގެ އެމްޑީޕީ ޓިކެޓު، މިހާރުގެ މާލޭގެ މޭޔަރު އާދަމް އާޒިމް ކާމިޔާބުކުރައްވައިފިއެވެ.
އާޒިމް މި ޕްރައިމަރީ ކާމިޔާބުކުރެއްވީ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޢާޒިމް އާ ވާދަކުރައްވައެވެ. މިހާރުގެ ނަތީޖާތައް ދައްކާގޮތުން ޖުމްލަ ސައްހަ ވޯޓުގެ 60 ޕަސެންޓަށްވުރެ މަތީ އަދަދެއް އާދަމް އާޒިމް ވަނީ ހޯއްދަވާފައެވެ.

Ad by Hajj Corporation
އެމްޑީޕީގެ މާލެ ދާއިރާގެ ރައީސްގެ މަގާމުގައި ވެސް މިހާރު ހުންނެވި އާދަމް އާޒިމް މާލެ ސިޓީގެ މޭޔަރުކަން ފުރަތަމަ ފަހަރަށް ކާމިޔާބު ކުރެއްވީ 54,680 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭ މާލެ ސިޓީން 31 ޕަސެންޓު މީހުން ވޯޓުލީ އިންތިހާބުގެ 44.8 ޕަސެންޓު ހޯއްދަވައިގެންނެވެ.
މި ކާމިޔާބީއާއެކު 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާނީ އާދަމް އާޒިމްކަން މިހާރު ވަނީ ކަށަވަރުވެފައެވެ.
ޖުމުލަ 154 ކެންޑިޑޭޓުން ވާދަކުރި މި ޕްރައިމަރީގެ ވޯޓުލުން ފަށާފައިވަނީ މިއަދު މެންދުރުފަހު 14:30 ގައެވެ. ވޯޓުލުން މިރޭ 20:00 އާ ހަމައަށް ކުރިއަށްދިޔައެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ޖުމްލަ 1,356 މެންބަރުން އިންތިޚާބު ކުރާނެއެވެ. އޭގެ ތެރޭގައި ކައުންސިލްތަކަށް 678 މެންބަރުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 678 މެންބަރުން ހިމެނެއެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެއެވެ.
އިންތިޚާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުއެވެ.


