ގެދޮރުވެރިކަމަށް އެދި ހުށަހަޅާ ލިޔެކިޔުމުގެ ސައްހަކަން ކަށަވަރުކުރާނެ: ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު
18 ޖެނުއަރީ 2026 - 12:37

"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހެޅުމުން ހުށަހަޅާ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރާނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހެޅޭނީ އޮންލައިންކޮށް، "ހިޔާވަހި" ޕޯޓަލް މެދުވެރިކޮށެވެ. ގެދުވެރުވެރިކަމަށް އެދި ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމުގެ ދަށުން ހުޅުވާލާފަވަނީ، ގްރޭޓަރ މާލެ ސަރަޙައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯއްޗާއި، މާލެ ސަރަޙައްދުން ދޫކުރާ 7,900 ފްލެޓަށެވެ.
ފޯމު ހުށަހެޅުމަށް "ހިޔާވަހި ޕޯޓަލް" ހުޅުވާލާ، މީޑިއާތަކަށް ދެއްވި އިންޓަވިއުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވީ، ފްލެޓާއި ގޯއްޗަށް އެދި ކުރިމަތިލެވޭނީ އެމީހަކު އިޚްތިޔާރު ކުރާ ކޮންމެވެސް އެއް ސްކީމަކަށް ކަމަށެވެ.
ވެށިފަހި އަދި ހިޔާ މަޝްރޫޢުގައި ފްލެޓު ލިބޭނެ ކަމަށް ލިޔުން ޙަވާލުކޮށް، ފްލެޓު ދީފައިނުވާ މީހުންނަށްވެސް، އާ ސްކީމުން ކުރިމަތިލުމަށް އެމީހުންނަށް ލިބޭ އިޚުތިޔާރުތައްވެސް ޕޯޓަލްގައި ހިމަނާފަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ސަރުކާރުން ޚާއްޞަ އުސޫލަކުން ދިނުމަށް ނިންމާފަވާ ފުރުޞަތެކެވެ. ވަޒީރު ވަނީ ސައްޙަ މަޢުލޫމާތު ހުށަހެޅުމަށް އެދިވަޑައިގެންފައެވެ.
ވަޒީރު ވިދާޅުވީ ފޯމު ހުށަހެޅުމަށްފަހު ފޯމު ކެންސަލް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ފޯމު ހުށަހެޅުމުގެ ކުރިން، ޑްރާފްޓުގައި ބައިންދައިގެން ފޯމު ފުރުމާއި ބޭނުންވާ ލިޔެކިޔުންތައް އެއްކުރެވޭނެ ކަމަށެވެ. ވަޒީރު ވަނީ އަވަސް އަރުވާލައިގެން ފޯމު ހުށަހެޅުމުގެ ބަދަލުގައި، ވަގުތު ނަގައިގެން، ލިޔެކިޔުންތައް ހަމަކޮށްގެން ފޯމު ހުށަހެޅުމަށް އެދިވަޑައިގަންނަވާފައެވެ. މިފަހަރު ގެނެސްފަވާ ބަދަލުތަކުގައި، ފޯމު ހުށަހަޅާއިރަށް ވަގުތުން އެމީހަކަށް ލިބޭ ޕޮއިންޓް އެނގޭނެއެވެ.

Ad by Hajj Corporation
ވަޒީރު ވިދާޅުވީ، ފޯމުތައް ހުށަހެޅުމުގެ މުއްދަތު ހަމަވުމުން، ވަގުތީ ލިސްޓު އެކުލަވާލެވޭނެ މުއްދަތު އެނގޭނީ ހުށަހަޅާ ފޯމުގެ އަދަދަށް ބެލުމަށްފަހު ކަމަށެވެ.
މިސްކީމުގެ ދަށުން ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފުލެޓާއި، މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށް 1،500 ފުލެޓު އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކުން 2،400 ފުލެޓެވެ.
ގޯތި ދޫކުރުމުގައި ހިމެނެނީ މާލޭގެ ރަށްވެހިންނަށް ޚާއްޞަ ކޮށްފައިވާ 10،000 ގޯތި، މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްތަކުގެ ރައްޔިތުންނަށް ޚާއްޞަ 3،000 ގޯތި އަދި މައިމުޅަވެފައިވާ މީހުންގެ ކެޓަގަރީން 500 ގޯއްޗާއި، މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްޤީ ކުރުމަށް ދަތިވާ ގޯތިތަކާއި، ލާޖައްސައިގެން ގޯތި ބަދަލު ކުރާ ފަރާތްތަކަށް ޚާއްސަ ކޮށްފައިވާ 1،500 ގޯއްޗެވެ.
ފްލެޓަށް އެދި ހުޅުވާލުމުގައިވެސް މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ކެޓަގަރީގެ އިތުރުން ޚާއްޞަ ކެޓަގަރީތައް ހިމެނެއެވެ. ޚާއްޞަ އިސްކަންދޭ ކެޓަގަރީގައި ހިމެނޭ 2،400 ފްލެޓް، އިތުރު 15 ކެޓަގަރީއަކަށް ވަނީ ބަހާލާފައެވެ.
ވަޒީރު ވިދާޅުވީ، އެހެން ފަހަރުތަކެކޭވެސް އެއްގޮތަށް ފުރަތަމަ ނެރޭނީ ވަގުތީ ލިސްޓު ކަމަށެވެ. ދާއިމީ ލިސްޓެއް ނެރޭނީ ޝަކުވާތަކަށް ބެލުމަށްފަހު ކަމަށެވެ.
މި ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅޭނީ އަންނަ މާރިޗު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފެލްޓަށް އެދި ހުށަހެޅޭނީ އޭޕްރީލް މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށެވެ.


