މާލެ ޓެކްސީ ލައިންގެ ޚިދުމަތް ވިލިމާލޭގައިވެސް ދޭނެ
28 މާރިޗު 2026 - 03:58
.jpg&w=2048&q=75)
ސަރުކާރުން ތަޢާރަފްކުރާ ޓެކްސީލައިންގެ ޚިދުމަތް ވިލިމާލެއަށްވެސް ފޯރުކޮށްދޭނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މާލޭގައި ތަޢާރަފްކުރާ ސަރުކާރު ޓެކްސީ ލައިންގެ ޚިދުމަތަކީ، ރައްޔިތުންނަށް ކުރިއަށްވުރެ ބޮޑަށް ޓެކްސީ ހޯދަން ފަސޭހަކޮށްދީ، ޓެކްސީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ތަޢާރަފްކުރާ ޚިދުމަތެކެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ވިލިމާލޭގައި އިމާރާތްކުރާ 300 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ބިންގާ އެޅުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވީ، ސަރުކާރުން ތަޢާރަފްކުރާ ޓެކްސީ ލައިންގެ ޚިދުމަތް ފެށޭއިރު، ވިލިމާލޭގެ ރައްޔިތުންނަށްވެސް ފަސް ކާރުން އެ ޚިދުމަތް ފޯރުކޮށްދެވޭނެކަމަށެވެ.
ވަޒީރު ވިދާޅުވީ، ޓެކްސީ ލައިންގެ ޚިދުމަތަށް ބޭނުންކުރާނީ އިލެކްޓްރިކް ޓެކްސީތަކަށް ވުމާއެކު، ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ފަސޭހަކަމާއި ރަށުގެ ތަރައްޤީއަށް އެއީ ވަރަށް މުހިންމު އެއްޗެއްކަމަށް ޤަބޫލުކުރައްވާކަމަށެވެ.
ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ، އޭޕްރިލް މަހުގެ 2 ވަނަ ދުވަހުއެވެ. މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވޭނީ، އެކަމަށް ޚާއްސަކޮށް އުފައްދާފައިވާ އެޕްލިކޭޝަން މެދުވެރިކޮށެވެ.
ސަރުކާރުގެ ޓެކްސީ ލައިނުގައި ބޭނުންކުރާނީ %100 ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މީގެތެރޭގައި ތިން ސައިޒެއްގެ އުޅަނދު ހިމެނޭއިރު، މި ޚިދުމަތަކީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ. މާލޭގައި ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ގެންނަނީ، ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ ކާރުތަކެވެ.
ޓެކްސީ ލައިނަށް ބޭނުންވާ 150 ކާރުގެ ތެރެއިން 60 ކާރު މިހާރު ވަނީ މާލެ ގެނެސްފައެވެ. އަދ މިމަހުގެ 29 ވަނަ ދުވަހު ކާރުތަކުގެ ދެވަނަ ޝިޕްމަންޓް ރާއްޖެެއަންނާނެ ކަމަށް ވުޒާރާއިން ލަފާކުރެއެވެ. ދެވަނަ ޝިޕްމަންޓުގައި ހިމެނެނީ 90 ކާރެވެ.
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ޚިދުމަތާއެކު، މުޅި ޚިދުމަތަށް ހެޔޮ ބަދަލެއް ފެންނާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.

Ad by Hajj Corporation

.jpg&w=3840&q=75)
