ރާއްޖޭގެ ފުރަތަމަ ޖެނެރޭޓިވް އޭއައި ހެކަތޯން ބާއްވަނީ
18 ޖެނުއަރީ 2026 - 12:44

"ޖެންއޭއައި ހެކް 2026"ގެ ނަމުގައި ރާއްޖޭގެ ފުރަތަމަ ޖެނެރޭޓިވް އޭއައި ހެކަތޯން އިއުލާނުކޮށްފިއެވެ.
ދިރާގާއި ސްޕާކްހަބް ގުޅިގެން ބާއްވާ މި ހެކަތޯންއާ ގުޅޭ ގޮތުން ދިރާގުން ބުނީ، މި ހެކަތޯންގެ މަގުސަދަކީ އަލަށް ވިޔަފާރިއެއް ފަށާ ފަރާތްތަކަށާއި ވިޔަފާރިވެރިންނަށާއި އުފެއްދުންތެރިންނަށް އޭއައި މެދުވެރިކޮށް ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

Ad by Hajj Corporation
މި ހެކަތޯނުން ޒުވާނުން އެއް ތަނަކަށް ގެނެސް، 48 ގަޑިއިރުގެ ތެރޭ އެ ފަރާތްތަކުގެ ޚިޔާލުތައް ޖެނެރޭޓިވް އޭއައި ޕްލެޓްފޯމުތައް މެދުވެރިކޮށް ހަގީގީ އުފެއްދުންތަކަށް މަދު ވަގުތުކޮޅެއްގެ ތެރޭ ބަދަލުކުރުމަށް އެހީތެރިވެދޭނެ ކަމަށް، ދިރާގުން ބުންޏެވެ.
މީގެ އިތުރުން ޕްރޮޑަކްޓުތައް އުފެއްދުމުން ފެށިގެން ތައާރަފްކުރުމާ ހަމައަށް އޭއައި ދާއިރާގެ ތަޖުރިބާކާރުންގެ ސެޝަންތަކުގެ ތެރެއިން އެހީތެރިކަން ލިބިގެން ދާނެ ކަމަށްވެސް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ، އެހެން ހެކަތޯންތަކާ ޚިލާފަށް މި ހެކަތޯން ކުރިއަށްދާނީ އާންމުކޮށް ހުޅުވާލެވިފައިވާ އޯޕަން ކެޓަގަރީ ފޯމަޓަށް ކަމަށާއި، ހެކަތޯންގެ ބައިވެރިން އުފައްދާނީ މި ހެކަތޯނަށް ޚާއްސަކޮށް އަލަށް އުފައްދާ ޕްރޮޑަކްޓްތައް ކަމަށެވެ.
މި ހެކަތޯންގައި ބައިވެރިވާ ޓީމުތަކުން އުފައްދާ ޕްރޮޑަކްޓްތަކުގެ ޚިޔާލު ހުށަހެޅުމުގެ ކުރިން، އެ ޓީމުތަކުން އުފައްދާ ޕްރޮޑަކްޓްތައް އާންމުންނަށް ތައާރަފްކުރަން ޖެހޭ ކަމަށް ދިރާގުން ބުންޏެވެ. ދިރާގުން ބުނިގޮތުގައި، "ކޮންސެޕްޗުއަލް ޑެމޯ"، ނުވަތަ އެ ޕްރޮޑަކްޓެއް މަސައްކަތްކުރާ ގޮތް ދައްކާލުމުގެ ބަދަލުގައި ޖަޖުން ބަލާނީ އާންމުންނަށް ތައާރަފްކުރާ ފުރިހަމަ ޕްރޮޑަކްޓަށެވެ.
އަންނަ ފެބްރުވަރީ މަހުގެ ހަވަނަ ދުވަހުން އަށްވަނަ ދުވަހުގެ ނިޔަލަށް އޮންނަ މި ހެކަތޯންގައި 3-5 މެންބަރުންގެ ޓީމުތަކަށް ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް ދިރާގުން ބުންޏެވެ.


