ޕީއެންސީގެ ކެންޑިޑޭޓް ޖަލީލުގެ ކެމްޕެއިން ރަސްމީކޮށް ފަށައިފި
18 ޖެނުއަރީ 2026 - 18:51

ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ ޢަލީ ޖަލީލުގެ ކެމްޕެއިން އޮފީސް ހުޅުވައި އެމަނިކުފާނުގެ ކެމްޕެއިން ރަސްމީކޮށް ފަށައިފިއެވެ.
އަލިމަސް ކާނިވާ ސަރަހައްދުގައި ހުންނަ ދޮން މަނިކު ސްކައިވިއު ރެސްޓޯރަންޓުގެ ތިރީ ފަންގިފިލާގައި ހުންނަ އޮފީހަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގައި ކެމްޕެއިން މަރުކަޒެއްގެ ގޮތުގައި ބޭނުންކުރި ތަނެވެ.

Ad by Hajj Corporation
ޖަލީލުގެ ކެމްޕެއިން އޮފީހުގެ ގޮތުގައި އެތަން އަލުން ހުޅުވީ މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، މާލެއަށް އެމްޑީޕީގެ މޭޔަރުންތަކެއް މީގެ ކުރިން އައި ކަމަށާއި، ނަމަވެސް އެ ބޭފުޅުންގެ ފަރާތުން ލިބުނު އުންމީދީ ކުރިއެރުމެއް ނެތް ކަމަށެވެ.
އެހެންވެ މާލޭ ރައްޔިތުން ބޮޑު އަޣްލަބިއްޔަތަކުން މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު މޭޔަރުކަމަށް ހޮވީ ކަމަށާއި، އެ މަނިކުފާނުގެ މޭޔަރުކަމުގައި މާލެއަށް އައީ ބޮޑު ބަދަލުތަކެއް ކަމަށެވެ.
ހަމައެއާއެކު ޖަލީލު ހޮވައިދޭން ޖެހެނީ، އެ ބޭފުޅާއަކީ ޒުވާން އުމުރުން ފެށިގެން ގައުމަށް ޚިދުމަތް ކުރުމުގައި ދެމި ހުންނެވި ބޭފުޅަކަށް ވުމުން ކަމަށާއި، ގައުމީ ޚިދުމަތުގައި ވެސް ރައްޔިތުން އުންމީދުކުރި ވަރަށްވުރެ ފުރިހަމައަށް މަސައްކަތް ކުރެއްވުމުން ކަމަށެވެ.
ޕީއެންސީގެ ޓިކެޓުގައި ޖަލީލު ވާދަކުރައްވާކަން ހާމަކުރެއްވީ މީގެ އެއް މަސް ކުރިން، އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ކައުންސިލު އިންތިޚާބުގެ އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އިބްރާހީމް ފަލާޙެވެ. ފަލާޙް ވިދާޅުވި ގޮތުގައި، ޕީއެންސީގެ ޕްރައިމަރީގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ ޖަލީލު އެކަންޏެވެ. އެހެންވެ، އެމަނިކުފާނަށް ވަނީ ޓިކެޓު ކަށަވަރުވެފައެވެ.
ޖަލީލު ވަނީ ނޮވެންބަރު 3ގެ ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާއުގައި ނުކުންނަވައިފައެވެ. އަދި ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަން ވެސް ކުރައްވައިފައެވެ.
ރާއްޖެއާއި، ރައްޔިތުންގެ ސަލާމަތަށްޓަކައި އަސްކަރީގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކަށާއި، ގައުމުގެ އިސްތިގުލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮށްދެއްވި މަސައްކަތްޕުޅުތަކާ ގުޅިގެން ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް ޖަލީލަށް އަރުވާފައިވަނީ ނޮވެންބަރު 3، 2024ގައެވެ.


