"ގައުމެއް ބިނާކުރުމުގައި އަންހެނުންގެ ހިއްސާއާ ނުލާ ކުރިއަށްދިއުމަކީ ދަތިކަމަކަށް ވާނެ"
21 ފެބްރުއަރީ 2026 - 06:01

ގައުމު ބިނާކުރުމުގައި އަންހެނުންގެ ހިއްސާ އިތުރުކުރަންޖެހޭ ކަން ގަބޫލުކުރާ ހާލު، އެމަގު ދައްކައިދީގެން ކުރިއަށްދާ ބަޔަކު ޕީއެންސީގައި ތިބުމުގެ ނަތީޖާއެއްގެ ގޮތުން، އަންހެނުންގެ ރޫހު މިއަދު އެޕާޓީގައި އިތުރުވެ، ވަރުގަދަވަމުންދާކަމަށް، ސިޓީތަކާއި އިދާރާ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު، އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ޕީއެންސީން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، މާފަންނު އުތުރު ދާއިރާގެ ޕީއެންސީ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ، ގައުމެއް ހިންގުމުގައި އަންހެނުންގެ ދައުރަކީ މުހިންމު ދައުރެއްކަން ފާހަގަކުރައްވާ، އެކަމަށް ބާރުދެއްވާ، ވާހަކަދައްކަވާފައެވެ.

Ad by Hajj Corporation
އެގޮތުން ވަޒީރު ވިދާޅުވީ، ރޭގެ ޖަލްސާގައިވެސް އަންހެން ކަނބަލުންގެ ބައިވެރިވުން ގިނަކަމީ އުފާވެރި ކަމެއް ކަމަށާއި، ގައުމެއް ބިނާކުރުމުގައި އަންހެނުންގެ ހިއްސާއާ ނުލާ ކުރިއަށްދިއުމަކީ ދަތިކަމަކަށް ވާނެކަމަށެވެ. އެގޮތުން މިއަދު، މިގައުމު ބިނާކުރުމުގައި އަންހެނުންގެ ހިއްސާ އިތުރުކުރެވިގެން މިދަނީ މަގު ދައްކައިދޭ ބަޔަކު ތިބީތީކަން، ވަޒީރު އުފަލާއެކު ފާހަގަކުރެއްވިއެވެ.
މިމޭރުމުން ވަޒީރުގެ ވާހަކަ ކުރިއަށްގެންދަވަމުން ވިދާޅުވީ، މިފަދަ ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަތުމުން ހާމަވެގެންދަނީ، ސިޔާސީ ކަންކަމުގައްޔާއި، ގައުމު ބިނާކުރުމުގައި އަންހެނުންގެ ބައިވެރިވުމުގެ މުހިންމުކަން ކަމަށެވެ. މީގެ އިތުރުން ގައުމީ މަސައްކަތްތަކުގައި، އަދި ސިޔާސީ ހަރަކާތްތަކުގައި ފަސްޓް ލޭޑީ ވަރަށް ހަރަކާތްތެރިކަމާއެކު ބައިވެރިވެވަޑައިގަންނަވާތަން ފެނިގެންދާ ކަމަށާއި، އެކަމަނާގެ ފަހަތްޕުޅުގައި ވަރުގަދަ ޓީމެއް އޮވެގެން އަންހެނުން ބާރުވެރިކުރުމަށް މަސައްކަތްކުރެވެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.


