ޖަލީލަކީ އިޚްލާސްތެރި ތެދުވެރި އަމާނާތްތެރި ބޭފުޅެއް: ފަލާހް
19 ޖެނުއަރީ 2026 - 02:20

ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލަކީ އިޚްލާސްތެރި، ތެދުވެރި އަދި އަމާނާތްތެރި ބޭފުޅެއް ކަމަށް ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ކައުންސިލް އިންތިޚާބުގެ އެ ޕާޓީގެ ކެމްޕޭން މެނޭޖަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ޖަލީލުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް އާދީއްތަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަލާހް ވިދާޅުވީ މޫސާ އަލީ ޖަލީލަކީ ކޮން ބޭފުޅެއްކަން ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި މިއަދު ދިވެހިން ދެކެމުންދާ މިނިވަންކަން މިއަދާ ހަމައަށް ގެނެސްދިނުމުގައި ގުނާލެވޭ ބަތަލުންގެ ތެރޭގައި ޖަލީލު ހިމެނިވަޑައިގަންނަވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
"ކުރުގޮތަކަށް ދަންނަވާނަމަ ކޫރުމެއް އަޅުވާލަން ބިއްލޫރިކޮޅެއް ހާކާލިޔަސް އަޅުވާލަން އުނދަގޫފަދަ ސަޚްސިއްޔަތެއް" ފަލާހު ޖަލީލުގެ ސަޚްސިއްޔަތު ސިފަކުރައްވަމުން ފަލާހް ވިދާޅުވެފަވެއެވެ.
ޖަލީލަކީ ގައުމީ ބަތަލެއްގެ ގޮތުގައި ފާހަގަކުރައްވައި، އޭނާއަކީ މާލޭ ސިޓީގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގައި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ބޭފުޅެއް ކަމުގެ ޔަގީންކަން ފަލާހު ދެއްވިއެވެ.
މާލޭގެ ރަށްވެހިންނާއި، މާލޭގައި ވަޒަންވެރިވެގެން ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ޖަލީލު ހިދުމަތް ކުރައްވާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.
"މޫސާ އަލީ ޖަލީލަކީ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، މި ސަރުކާރުން ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދުމަށް ރަނުން ރަނަށް ސަރުކާރަށް އެހީތެރިވެދޭނެ ބޭފުޅެއް،" ފަލާހު ވިދާޅުވިއެވެ.
ޖަލީލުގެ ހިދުމަތުގެ ރެކޯޑަށް އަލިއަޅުވާލައްވަމުން ފަލާހު ވިދާޅުވީ، ޒުވާން އުމުރުން ފެށިގެން ދައުލަތުގެ މަތީ މަގާމުތައް އަދާކުރެއްވިއިރު، ގައުމަށް ނުވަތަ ރައްޔިތުންނަށް ގެއްލުންވާނެ ކަމެއް ކުރެއްވި ކަމުގެ އެއްވެސް އަޑެއް މިހާތަނަށް އިވިފައި ނުވާ ކަމަށެވެ. މިއީ އޭނާގެ ތެދުވެރިކަމާއި އަމާނާތްތެރިކަން ހާމަވާ ކަމެއްގެ ގޮތުގައި ފަލާހު ފާހަގަކުރެއްވިއެވެ.
ވާހަކަ ނިންމަވާލައްވަމުން ފަލާހު ވަނީ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި، މާލޭގެ ހުރިހާ ރައްޔިތުން މޫސާ އަލީ ޖަލީލަށް އިތުބާރުކުރައްވައި އޭނާއަށް ވޯޓު ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.


