ތެލެސީމިއާ ދަފްތަރުގައި 650 މީހުން
19 ޖެނުއަރީ 2026 - 07:29

ތެލެސީމިއާ ދަފްތަރުގައި 650 މީހަކު މިހާތަނަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް މޯލްޑިވްސް ބްލަޑް ސާވިސަސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ވ. އަތޮޅަކީ މިހާރު ތެލެސީމިއާ ބަލި ތަހައްމަލުކުރާ އެއްވެސް މީހަކު ނެތް އަތޮޅެއް ކަމަށް އެމްބީއެސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

Ad by Hajj Corporation
މޯލްޑިވްސް ބްލަޑް ސަރވިސަސްގެ ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ތެލެސީމިއާ ދަފުތަރުގައި މުޅި ރާއްޖެއިން ޖުމްލަ 650 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ. އަދި މި ދަފުތަރުގައި އެންމެ ގިނައީ 11 އަހަރާއި 20 އަހަރާ ދެމެދުގެ ކުދިންނެވެ. މި އުމުރުފުރާގެ 215 ކުދިން ތިބިއިރު، ދެވަނައަށް އެންމެ ގިނައީ 21 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނެވެ.
ފާއިދުވެދިޔަ ތިން އަހަރުގެ ތެރޭގައި އެންމެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވަނީ 2024 ވަނަ އަހަރުގައެވެ. އެ އަހަރު 18 މީހަކު ވަނީ ދަފްތަރުގައި ރަޖިސްޓްރީކޮށްފައެވެ. އަދި 2023 ވަނަ އަހަރު 11 މީހުން ރަޖިސްޓްރީކޮށްފައިވާއިރު މި އަހަރުގެ މިހާތަނަށް ވަނީ 11 މީހަކު ދަފްތަރުގައި ރަޖިސްޓްރީކޮށްފައެވެ.
އާބާދީގެ ނިސްބަތުން ތެލެސީމިއާ ބަލި ތަހައްމަލުކުރާ މީހުން އެންމެ ގިނައިން ތިބީ ނ. އަތޮޅުގައި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެ އަތޮޅުގެ 13 ރަށަކުން 53 މީހުން ވަނީ ދަފްތަރުގައި ރަޖިސްޓްރީކޮށްފައެވެ. އަދި ދެވަނައަށް ތެލެސީމިއާ މީހުން ގިނައީ ފ. އަތޮޅުގައެވެ. ތިންވަނައިގައި އޮތީ ލ. އަތޮޅެވެ.
ވ. އަތޮޅުގައި ތެލެސީމިއާގެ އެއްވެސް މީހަކު ނެތްއިރު، ދެވަނައަށް އެންމެ މަދީ މ. އަތޮޅެވެ. އެއީ، އެންމެ 3 މީހުންނެވެ.
ތެލަސީމިއާއަށް އާންމުން ހޭލުންތެރި ކުރުވުމާއި، މިބަލި އިތުރުވަމުންދާ މައްސަލަ ޙައްލު ކުރުމަށް ސަރުކާރުން ފެއްޓެވި އެންމެ މުހިންމު އެއް މަސައްކަތަކީ ސްކޫލު ކުދިން ތެލެސީމިއާއަށް ސްކްރީންކުރަން ފެށުމެވެ. އަދި ތެލެސީމިއާ ބައްޔަށް ފަރުވާ ކުރުމަށް ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ހަދައިދޭ ކުދިންގެ ޢަދަދުވެސް ވަނީ އިތުރުކޮށްފައެވެ.
ރާއްޖެއިން ތެލަސީމިއާ ބައްޔަށް ޙައްލު ގެނައުމަށް ޤައުމީ ފެންވަރުގައި އަންނަނީ މަސައްކަތް ކުރަމުންނެވެ.އެގޮތުން ރައީސުލްޖުުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ،މި އަހަރުން ފެށިގެން ތެލެމީސިއާ ކުދިންނަށް ކޮންމެ މަހަކު 2000 ރުފިޔާގެ އެލަވެންސްއެއް ދިނުމަށް ވެސް ނިންމާފައެވެ.


