ވިލިމާލޭގައި ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމަށް ޗައިނާއާއެކު ސޮއިކޮށްފި
19 ޖެނުއަރީ 2026 - 11:29

ޗައިނާގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި އަޅާ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ މިނިސްޓްރީގައެވެ.

Ad by Hajj Corporation
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އެމްބަސީގެ ކައުންސެލަރ ޒެންގެ ޒޫއެވެ. މި މަޝްރޫޢުގެ ދަށުން ވިލިމާލޭގައި 12،890 އަކަމީޓަރުގެ ސަރަޙައްދެއްގައި 112 އެނދުގެ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ބިނާކުރެވޭނެއެވެ.
ވަޒީރު މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ އަމަލީ މަސައްކަތް ފަށަން ސޮއިކުރިކަން ހާމަކުރައްވައިފައެވެ.
އަދި މިއީ މުހިންމު އަމާޒެއް ހާސިލްވި ކަމެއް ކަމަށާއިި ސީދާ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށް ވެސް ވިދާޅުވިއެވެ.
މިއަދު ސޮއިކުރެވުނު އިމްޕްލިމެންޓޭޝަން އެގްރިމަންޓްގެ ދަށުން ދެން ކުރިއަށްދާނީ ބީލަމުގެ އުސޫލުން މި މަޝްރޫޢުގެ ކޮންޓްރެކްޓަރެއް ކަނޑައެޅުމުގެ މަރުހަލާއެވެ. ލަފާކުރެވޭ ގޮތުގައި، ކޮންޓްރެކްޓަރަކު އައްޔަންކޮށް، މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ތެރޭގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ.
މި ހޮސްޕިޓަލް ފަރުމާކޮށްފައިވަނީ އައުޓްޕޭޝަންޓް އަދި ކުއްލި ފަރުވާގެ ޚިދުމަތްތަކުގެ އިތުރުން، ބަލި ދެނެގަތުމަށާއި ފަރުވާ ދިނުމަށް ޚާއްޞަ ސަރަޙައްދުތަކާއި މެޑިކަލް ވޯޑުތައް ހިމެނޭ ގޮތަށެވެ. ޗައިނާ ސަރުކާރުގެ އެހީގައި މި މަޝްރޫޢުގެ ދަށުން ހޮސްޕިޓަލަށް ބޭނުންވާ އެންމެހައި މެޑިކަލް އިކުއިޕްމަންޓާއި ފަރުނީޗަރުވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ވިލިމާލޭގައި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އިމާރާތްކޮށް ހިދުމަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
މި މަޝްރޫޢަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ރަމްޒުކޮށްދޭ، އަދި ރާއްޖޭގެ ޞިއްޙީ ދާއިރާ އައު ހަރުފަތަކަށް ގެންގޮސްދޭނެ އިސްތިރާޖީ ބިނާއެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.


