ޙާފިޡުން ދަސްވެނިވުން ރޯދަމަހުގެ 12 ވަނަ ދުވަހުގެރޭ
20 ޖެނުއަރީ 2026 - 03:59

ޙާފިޡުން ދަސްވެނިވުމުގެ ޙަފްލާ މިއަހަރު އޮންނާނީ ރަމަޟާން މަހުގެ 12 ވަނަ ދުވަހުގެ ރޭ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
ކޮންމެ އަހަރަކުވެސް މި ޙަފްލާ ބާއްވާނެ ކަމަށް މީގެ ކުރިން އިޢުލާނުކުރައްވާފައިވަނީ ރަމަޟާން މަހުގެ 27 ވިލޭރޭފގައި ކަމުގައިވީނަމަވެސް، ޙާފިޡުން ދަސްވެނިވުމުގެ ޙަފްލާ މިއަހަރު އޮންނާނީ ރޯދަ މަހުގެ 12 ވަނަ ދުވަހުގެ ރޭ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ ވިދާޅުވެފައެވެ. ރޯދަމަހުގެ 12 ވަނަ ދުވަހަކީ މީލާދީގޮތުން ބަލާނަމަ މާރިޗުމަހުގެ 1 ވަނަ ދުވަހެވެ.
މިއަހަރު 30 ޙާފިޡުން ދަސްވެނިވާނެ ކަމަށް ވަޒީރު މީގެކުރިން ވަނީ ވިދާޅުވެފައެވެ. މިއީ، މިދިޔަ އަހަރާއި އަޅާ ބަލާއިރު އިތުރު އަދަދެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މި ހަފުލާގައި 42 ޙާފިޡަކު ރައީސުލްޖުމުހޫރިއްޔާގެ މެޑަލް ހާޞިލްކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން ޙާފިޡުން ތަމްރީންކުރުމަށް ކުރަމުންދާ މަސައްކަތްތަކާއެކު މިހާރު ރާއްޖޭގައި ތިބި ޙާފިޡުން ޢަދަދު 291 އަށް ވަނީ އަރާފައެވެ. ރޯދަމަހުގެ ކުރިން ރާއްޖޭގައި ތިބި ޙާފިޡުން ޢަދަދު 300 އަށް އަރާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.
ކީރިތި ޤުރުއާނަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ. ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ހިތްވަރުދީ އެކަމުގައި ކުރިއަށްދިޔުމަށް ބާރުއެޅުމަށްވެސް އެކި ކަންކަން ސަރުކާރުންވަނީ ކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޙާފިޡުންނަށް ދައުލަތުންދޭ އެލަވަންސް ދެގުނަ ބޮޑުކުރައްވާފައެވެ. އަދި މިހާރު ސަރުކާރުންވަނީ ޙާފިޡުން ދަސްވެނިވުމަށް ޚާއްސަ ޙަފްލާއެއް ބާއްވަން ނިންމަވާ އެގޮތަށް ޙަފްލާތައް ބާއްވަން ފަށްޓަވާފައެވެ.


