އަލިރަސްގެފާނު ފަދަ ޢަޒުމު ވަރުގަދަ ދަރީން ކޮންމެ ދިވެހި ޖީލެއްގެ މަޖްދާއި ކަރާމާތް ނަގަހައްޓާނެ: ރައީސް
20 ޖެނުއަރީ 2026 - 08:36

އަލިރަސްގެފާނު ފަދަ ޢަޒުމު ވަރުގަދަ ދަރީން ކޮންމެ ދިވެހި ޖީލެއްގެ މަޖްދާއި ކަރާމާތް ނަގަހައްޓާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ޝަހީދުންގެ ދުވަހުގެ ތަހުނިޔާއާ މުބާރަކްބާދީ ފޮނުއްވުމަށް މީސްމީޑިއާގައި ކުރެއްވި ޕޯސްޓުގައެވެ.

Ad by Hajj Corporation
އެ ޕޯސްޓުގައި ރައީސް ވަނީ ދިވެހި ޤައުމުގެ ދިފާޢުގައި ހަނގުރާމައިގެ މައިދާނުގައި ޖިހާދު ކުރައްވަނިކޮށް އަލިރަސްގެފާނު ޝަހީދުވިތާ މިއަދަށް މި ފުރުނީ 482 އަހަރުކަން ފާހަގަކުރައްވާފައެވެ. އަދި ހިޖުރައިން 965 ވަނަ އަހަރު ޝަޢުބާން މަހުގެ 1 ވަނަ ދުވަހު ދުޝްމިނުންގެ ކުރިމައްޗަށް ނުކުމެ ވަޑައިގެން އެންމެ ފަހު ނޭވަޔާ ހަމަޔަށް މި ހިތްވަރުގަދަ ޤައުމީ ބަޠަލު ދެއްކެވި ހިތްވަރާއި ފަންވަރުގެ ރޫޙު ތާއަބަދު މި ޤައުމުގައި ދިރިދިރި ހުންނާނެ ކަމުގައި ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ޤައުމަށްޓަކައި ޖިހާދު ކުރައްވާ ޝަހީދުވި ފަހުލަވާނުންނާއި، ޤައުމީ ޚިދުމަތުގައި ވާޖިބު އަދާކުރަމުން ދަނިކޮށް ޝަހީދުވި ހިތްވަރުގަދަ ކެރޭ ދަރީންގެ ފަނޑުވުމެއް ނެތް ޒިކުރާވެސް މިއަދު އަޅުގަނޑުމެން މިއާކުރަނީ ޝުކުރުވެރިކަމާއެކުގައި ކަމުގައި އެ މެސެޖުގައި ވެއެވެ. އަދި އިރާދަކުރެއްވިއްޔާ އަލިރަސްގެފާނު ފަދަ ޢަޒުމު ވަރުގަދަ ދަރީން ކޮންމެ ދިވެހި ޖީލެއްގެ މަޖްދާއި ކަރާމާތް ނަގަހައްޓާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ރައީސްގެ މެސެޖުގައި މާތްﷲގެ ތަނަވަސް ރަޙްމަތްފުޅާއެކު މިނިވަންކަން މަތީ ދިވެހި ޤައުމު ދެމިއޮންނާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. ރައީސް ޑރ. މުޢިއްޒު މިފަދައިން ޕޯސްޓުކުރައްވާފައިވާއިރު، އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވެސް ވަނީ މިދުވަހާގުޅިގެން މީސްމީޑިއާގައި ޕޯސްޓު ކުރައްވާފައެވެ.
އެކަމަނާގެ ޕޯސްޓުގައި އަލިރަސްގެފާނުގެ ހިތްވަރުގަދަ ޖިހާދުގެ ހަނދާން އައުކުރަމުން، ޝަހީދުންގެ ދުވަހުގެ ހެޔޮއެދުންތައް ދިވެހި ލޮބުވެތި ރައްޔިތުންނަށް ދަންނަވާފައި ވެއެވެ. އަދި އަމާންކަމާއި މިނިވަންކަމުގައި، އަބަދުމެ ދިވެހިރާއްޖެ ދެމިއޮތުމަށް އެދި ވަނީ ދުޢާކުރައްވާފައެވެ.


