"އައި.ވީ.އެފް" ގެ ފަރުވާއަށް "ފަރޓިލިޓީ ކެއަރ ފަންޑް" ލިބޭ ފުރަތަމަ ބެޗް އިއުލާންކޮށްފި
21 ޖެނުއަރީ 2026 - 17:18

"އައި.ވީ.އެފް" ގެ ފަރުވާއަށް "ފަރޓިލިޓީ ކެއަރ ފަންޑް" ލިބޭ ފުރަތަމަ ބެޗް އިއުލާންކޮށްފިއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ ވަނީ "އައި.ވީ.އެފް" ގެ ފަރުވާ "ފަރޓިލިޓީ ކެއަރ ފަންޑް" މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލުގެ ދަށުން އެ އެޖެންސީން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާފަދައިން 20 ޑިސެންބަރު 2025 ގެ ނިޔަލަށް "ފަރޓިލިޓީ ކެއަރ ފަންޑް" މެދުވެރިކޮށް 2025 ވަނަ އަހަރު 'އައި.ވީ.އެފް' ފަރުވާ ގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް" މެދުވެރިކޮށް އެހީއަށް އެދި ހުށަހަޅުމަށް ހުޅުވާލާފައެވެ.

Ad by Hajj Corporation
މިގޮތުން ހުޅުވާލި ފުރުސަތުގައި ހުށަހެޅި ފަރާތްތަކުގެ ވަގުތީ ލިސްޓު އެ އެޖެންސީން ވަނީ ހާމަކޮށްފައެވެ.
2025 ވަނަ އަހަރު "އައި.ވީ.އެފް"ގެ ފަރުވާއަށް އެހީ ހަމަޖައްސާދިނުމަށް ހަމަޖެހިފައިވަނީ 50 ދެމަފިރިންނަށެވެ.
އެންސްޕާއިން ބުނީ 20 ޑިސެންބަރު 2025 ގެ ނިޔަލަށް ފޯމު ހުށަހެޅި 135 ފަރާތުގެ ތެރެއިން އުސޫލުގެ ދަށުން އެހީއަށް ޝަރުތުހަމަވެފައިވަނީ 39 ފަރާތް ކަމަށެވެ. އަދި އެ ފަރާތްތަކަށް،އެހީ ހަމަޖެހިފައިވާކަމަށެވެ.
އަދި ފުރަތަމަ ބުރުގައި އެހީ ހަމަޖެހިފައިވާ ފަރާތްތަކުން 10 ފެބުރުވަރީ 2026 ގެ ކުރިން ފަރުވާ ކުރިއަށް ގެންދާނެގޮތުގެ ޕްލޭން ޙިއްސާކުރުމާގުޅޭގޮތުން އެ އެޖެންސީން އެފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދޭނެކަމުގައެވެ.
މި ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 26 ޖަނަވަރީ 2026 ގެ 14:00 ގެ ކުރިން https://one.gov.mv ޕޯރޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.
މި މުއްދަތުގެ ނިޔަލަށް ޝަކުވާ ހުށަހަޅާ ފަރާތްތަކުގެ ޝަކުވާތަކަށް ރިޢާޔަތްކޮށް، ބަދަލު ގެންނަންޖެހޭކަމުގައި ވާނަމަ، މުރާޖަޢާ ކުރެވިފައިވާ ދާއިމީ ލިސްޓު 01 ފެބުރުވަރީ 2026 ގައި ޝާއިޢުކުރެވޭނެ ކަމަށްވެސް ބުންޏެވެ. އަދި މިކަމާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް އެދޭނަމަ ނުވަތަ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާނަމަ، އެ އެޖެންސީގެ ހޮޓްލައިން 1402 އަށް ގުޅުމަށް ނުވަތަ info@nspa.gov.mv އަށް އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.


