އައްޑޫގައި އެންސްޕާގެ ކޯލް ސެންޓަރެއް އަންނަ ޖުލައި މަހު ހުޅުވަނީ
23 ޖޫން 2026 - 06:33

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެ އިދާރާގެ ކޯލް ސެންޓަރެއް އައްޑޫ ސިޓީގައި ގާއިމުކޮށް، އަންނަ ޖުލައި މަހު ޚިދުމަތް ދޭން ފަށާނެކަން އެންސްޕާއިން އިޢުލާނުކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އެންސްޕާގެ ސީ.އީ.އޯ އާމިނަތު ޝިރުނާ ވިދާޅުވީ، އައްޑޫ ސިޓީގައި މި ޚިދުމަތް ގާއިމުކުރެވުމާއެކު، ކޯލް ސެންޓަރުގެ ޚިދުމަތްދޭ ވަގުތު އިތުރުވެގެންދާނެ ކަމަށެވެ. މީގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
އެންސްޕާއިން ފޯރުކޮށްދޭ މާލީ އެހީތެރިކަމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތްތަކާ ގުޅޭ މަޢުލޫމާތު އެ އިދާރާގެ ހޮޓްލައިން ނަންބަރު 1402 މެދުވެރިކޮށް މިހާރުވެސް ސާފުކުރެވޭނެއެވެ. މީގެ އިތުރުން، ބޭސްފަރުވާގެ އެހީއާއި، އެކި ބާވަތުގެ މާލީ އެހީތަކަށް އެދި ފޯމު ފުރުމުގައި ބޭނުންވާ އިރުޝާދާއި އެހެނިހެން މަޢުލޫމާތުތައްވެސް މި ހޮޓްލައިން މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައިވެސް ފޯރުކޮށްދެމުންދާނެއެވެ.
ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް އެންސްޕާގެ ޚިދުމަތްތައް ލާމަރުކަޒީކޮށް، ޑިޖިޓަލްކޮށް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް އެ އިދާރާއިން ދަނީ ބާރަށް ކުރަމުންނެވެ. އެގޮތުން "ވަންގަވް" ޕޯޓަލް މެދުވެރިކޮށް މިހާރު ތިރީގައިވާ އެހީތަކަށް އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
- އެކަނިވެރި މައިންބަފައިންނަށްދޭ މާލީ އެހީ.
- ކާބޯތަކެތީގެ އެހީ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ އެހީ.
- ތެލެސީމިއާ އެލަވަންސާއި ތެރަޕިއުޓިކް ފަރުވާގެ އެހީ.
- ބަލަދުއަރާ ކުދިންނަށްދޭ މާލީ އެހީގެ ޕްރޮގްރާމްތައް
މި ގެނެވޭ ބަދަލުތަކާއެކު އެ އިދާރާގެ ޚިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ކުރިއަށްވުރެ ހަލުވި އަދި ލުއިފަސޭހަ މަގެއް ފަހިވެ، ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.


