39 ފަރާތަކަށް އައިވީއެފް ފަރުވާގެ އެހީ ހަމަޖައްސައިދީފި
22 ޖެނުއަރީ 2026 - 04:30

ދައުލަތުގެ ފާޓިލިޓީ ކެއާ ފަންޑުގެ ދަށުން، އިން ވިޓްރޯ ފާޓިލައިޒޭޝަން (އައި.ވީ.އެފް) ފަރުވާއަށް އާސަންދަ ހިމެނޭ ގޮތަށް ފަރުވާ ހޯދުމުގެ ފުރުސަތު 39 ދެމަފިރިއަކަށް ދީފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ހާމަކޮށްފިއެވެ.
އެންސްފާއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ "އައިވީއެފް" ގެ ފަރުވާ "ފާޓިލިޓީ ކެއާ ފަންޑް" މެދުވެރިކޮށް ފޯރުކޮށްދިނުމާ ގުޅޭ އުސޫލުގެ ދަށުން،މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަަނަ ދުވަހުގެ ނިޔަލަށް "ފާޓިލިޓީ ކެއާ ފަންޑް" މެދުވެރިކޮށް 2025 ވަނަ އަހަރު އައިވީއެފް ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް" މެދުވެރިކޮށް އެހީއަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމުކުރާ ކަމަށެވެ.

Ad by Hajj Corporation
އައިވީއެފްގެ ފަރުވާއަށް އެހީ ހަމަޖައްސައިދިނުމަށް ހަމަޖެހިފައިވަނީ 50 ދެމަފިރިންނަށް ކަމުން، ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅި 135 ފަރާތްތަކުގެ ތެރެއިން އުސޫލުގެ ދަށުން އެހީއަށް ޝަރުތުހަމަވެފައިވާ 39 ފަރާތަށް، އެހީ ހަމަޖެހިފައިވާ ކަމަށް އެންސްޕާއިން ބުނެފައިވެއެވެ.
ފުރަތަމަ ބުރުގައި އެހީ ހަމަޖެހިފައިވާ ފަރާތްތަކުން އަންނަ ފެބްރުވަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ފަރުވާ ކުރިއަށް ގެންދާނެގޮތުގެ ޕްލޭން ހިއްސާކުރުމާ ގުޅޭގޮތުން އެ އެޖެންސީން އެ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދޭނެކަމަށް ވެސް އެންސްޕާއިން ވަނީ ބުނެފައެވެ.
އަދި އެ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުއްމަށް ބޭނުންވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ވެސް އެންސްޕާއިން ބުނެފައިވެއެވެ.
އެ މުއްދަތުގެ ނިޔަލަށް ޝަކުވާ ހުށަހަޅުާ ފަރާތްތަކުގެ ޝަކުވާތަކަށް ރިއާޔަތްކޮށް، ބަދަލު ގެންނަންޖެހޭ ކަމުގައި ވާނަމަ، މުރާޖައާ ކުރެވިފައިވާ ދާއިމީ ލިސްޓު ފެބްރުވަރީ މަހުގެ އެއްވަނަ ދުވަހު ޝާއިއުކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.


