ހުޅުދެލީ ސިއްހީ މަރުކަޒުގައި 3 ޚިދުމަތެއް ފަށާ، ރިނބުދޫ ޞިއްޙީ މަރުކަޒަށް ބައެއް އިތުރުކުރަން ބިންގާ އަޅައިފި
22 ޖެނުއަރީ 2026 - 12:00

ދ. ހުޅުދެލީ ސިއްހީ މަރުކަޒުގައި 3 ޚިދުމަތެއް ފަށާ، ރިނބުދޫ ޞިއްޙީ މަރުކަޒަށް ބައެއް އިތުރުކުރަން ބިންގާ އަޅައިފިއެވެ.
ހުޅުދެލީގައި ވަނީ އެ ރަށު ސިއްހީ މަރުކަޒަށް އިތުރުކުރެވޭ އައު އިމާރާތުގެ ބިންގާ އަޅާ، ލެބޯޓްރީގެ ޚިދުމަތް ފަށާ، ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް 16 ގަޑިއިރަށް ބަދަލުކޮށްފައެވެ.

Ad by Hajj Corporation
މި ޚިދުމަތްތައް ފެށުމަށް ބޜޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމްއެވެ.
ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، އިފްތިތާހުކުރެވުނު ޚިދުމަތްތަކަކީ ހުޅުދެލި ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދިޔަ ޚިދުމަތްތަކެއް ކަމަށެވެ. މިކަމުގެ ސަބަބުން ހުޅުދެލި ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްތައް ހޯދުމަށް މީގެ ކުރިން ދަތުރުކުރަން ޖެހުނު ޖެހުމަށް ނިމުމެއް އަންނާނެ ކަަމަށެވެ. އަދި ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް 8 ގަޑިއިރުން 16 ގަޑިއިރަށް ބަދަލުކުރެވިގެން ދިއުމަކީ ވެސް އެރަަށުގެ ޞިއްޙީ ދާއިރާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުއްކަން ވަނީ ފާހަގަކުރައްވާފައެވެ.
ހަމަމިއާއެކު ސިއްހީ މަރުކަޒުގެ އައު އިމާރާތާއެކު ޞިއްޙީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. މިއީ އެމްޓިސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ދ. ރިނބުދޫގެ ޞިއްޙީ މަރުކަޒަށް އިތުރުކުރާ އައު އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ވެސް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމްއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ޞިއްޙީ ވަޒީރު ވިދާޅުވީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިނބުދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެރަށުގެ ޞިއްޙީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. ވަޒީރު ވިދާޅުވީ، މިއަދު މި ފެންނަނީ ރައީސްގެ އެ ވައުދުފުޅު ފުއްދަވާ މަންޒަރު ކަމަށާއި، ބިންގާ އެޅިގެންދިޔަ އައު އިމާރާތާއެކު ރަށުގެ ޞިއްޙީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ އަދި ވަސީލަތްތަކުގެ ދަތިކަމަށް ހައްލު ލިބޭނެ ކަމަށެވެ.
ރިނބުދޫ ޞިއްޙީ މަރުކަޒަށް އިތުރުކުރާ އައު އިމާރާތަކީ ސަރުކާރުން ފެނަކަ ކޯޕަރޭޝަަނާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ހުޅުދެއްޔާއި ރިނބުދޫގައި ބޭއްވި މި ދެ ރަސްމިއްޔާތުގައި ވެސް އެ ދެރަށުގެ ކައުންސިލްގެ މެންބަރުންނާއި، ޞިއްޙީ މަރުކަޒުގެ އިސްވެރިންގެ އިތުރުން އެރަށު ރައްޔިތުން ވަނީ ބައިވެރިވެފައެވެ.


