މިދިޔަ މަހު 652 މީހަކަށް ޑެންގީ ހުން ޖެހިއްޖެ
19 ޖުލައި 2026 - 08:17

މިދިޔަ ޖޫން މަހު 652 މީހަކަށް ޑެންގީ ހުން ޖެހިފައިވާ ކަމަށް ސިއްހީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖޫން މަހު އަރިދަފުސް ރޯގާ ޖެހިގެން 34،877 މީހުން ޑޮކްޓަރަށް ދައްކަން ގޮސްފައިވެ އެވެ.

Ad by Hajj Corporation
މެއި މަހާ އަޅާބަލާ އިރު، ޖޫން މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ދަށްވެފައިވާ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ. މެއި މަހު ޑެންގީ ހުން ޖެހިފައިވަނީ 794 މީހަކަށެެވެ.
މި އަހަރުގެ މެއި މަހާ އަޅާބަލާއިރު ޖޫން މަހުގައި ރޯގާގެ ރިޕޯޓްތައް ވަނީ ދަށްވެފައެވެ. މިދިޔަ މަހު 34877 އަރިދަފުސް ރޯގާގެ ވޭދަނަ ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި މެއި މަހު 40،457 ވޭދަނަ ވަނީ ރިޕޯޓްކޮށްފައެވެ.
އިންފްލުއެންޒާގެ ތަފާސްހިސާބުތަކަށް ބަލާއިރު މެއި މަހު އެ ބައްޔަށް 681 މީހަކު ވަނީ ފައްސިވެފައެވެ. ޖޫން މަހު142 މީހަކު އިންފްލުއެންޒާއަށް ވަނީ ފައްސިވެފައެވެ. މި އަހަރުގެ މިހާތަނަށް 2694 މީހަކު ވަނީ އިންޕްލުއެންޒާއަށް ޓެސްޓުކޮށްފައެވެ. އަދި 999 މީހުން ވަނީ އެ ބައްޔަށް ފައްސިވެފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މެއި މަހާއި އަޅާބަލާއިރު ޖޫން މަހުގެ ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު ވަނީ ދަށްވެފައެވެ. މިދިޔަ މަހު 4،442 މީހަކު ބޭރަށް ހިންގައި ހޮޑުލެވޭތީ ޑޮކްޓަރަށް ދައްކާފައިވެއެވެ. އަދި މެއި މަހު ވަނީ 4،726 މީހަކު ޑޮކްޓަރަށް ދައްކާފައެވެ.


