މާލެ ސަރަހައްދުގައި މަސްދަޅުކޭސް ބަހަން ފަށައިފި
24 ޖެނުއަރީ 2026 - 16:20

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ކުރިއަށްއޮތް ރަމަޟާންމަހާ ދިމާކޮށް ކޮންމެ ގޭބީސީއަކަށް ދޫކުރާ މަސްދަޅު ކޭސް ބަހަން މާލެ ސަރަހައްދުގައި ފަށައިފިއެވެ.
މިއީ ސަރުކާރަށް އެއް އަހަރު ފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވި ކަމެކެވެ.

Ad by Hajj Corporation
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، މަސްދަޅު ކޭސް ދޫކުރުން ކުރިއަށްދާނީ ކޮންމެ ރެޔަކު 8:00 އިން 11:00 އަށެވެ. މި ތަކެތި ދޫކުރަނީ ޓޯކަން ނަމްބަރުތަކަށް ކަމަށްވާއިރު، ކޮންމެ ރެޔަކު 300 ޓޯކަންއަށް މަސްދަޅުކޭސް ދޫކުރާނެއެވެ. މިހާތަނަށް 4805 ގޭބިސީން ޕޯޓަލް މެދުވެރިކޮށް ޓޯކަން ނަގާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި މަސްދަޅުކޭސް ބަހާ މަރުކަޒުތައް
މާލޭގައި މަސްދަޅުކޭސް ބަހަމުންދަނީ މިފްކޯ މަރުކަޒު، ސޯޝަލް ސެންޓަރު، އެމްޓީސީސީ ސޯމިލު، ހެންވޭރު ބޯޅަދަނޑު އަދި ގަލޮޅު ދަނޑު ގައެވެ. ހުޅުމާލެ ފޭސް 1 ގައި ޢުމަރުޒާހިރު ބިލްޑިން، ޕޮލްކޯ ޓަވަރ އަދި މުހައްމަދު ޤާސިމް ޕްރީސްކޫލް އިން ދޫކުރާއިރު، ފޭސް 2 ގައި ކާމިލުދީދީ ސްކޫލް، ހިޔާޓަވަރު 10 އަދި އެމްޕީއެލް ޓަވަރު ޕީ އިން މަސްދަޅު ކޭސް ލިބޭނެއެވެ. ވިލިމާލޭގައި މި ތަކެތި ދޫކުރަނީ ވެމްކޯ ސައިޓުންނެވެ.
ސަރުކާރުގެ އަމާޒަކީ ރަމަޟާންމަސް ފެށުމުގެ ކުރިން މާލެއާއި އަތޮޅުތެރޭގެ ހުރިހާ ގޭބިސީއަކަށް މަސްދަޅުކޭސް ބަހާ ނިންމާލުމެވެ. އެގޮތުން މިހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް މަސްދަޅު ކޭސް ފޮނުވާނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. ރޯދަމަހަށް ޚާއްޞަކޮށްގެން ކޮންމެ ގޭބިސީއަކަށް ބަހަނީ 48 ދަޅުގެ މަސްދަޅު ކޭހެކެވެ.
މި އަހަރު ޖުމްލަ 118,673 މަސްދަޅު ކޭސް ބަހަން ނިންމާފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ރަމަޟާންމަހު ސަރުކާރުން ވަނީ ރޯދަ ހަދިޔާގެ ގޮތުގައި ޖުމްލަ 111,231 މަސްދަޅު ކޭސް ހަދިޔާކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭގެ ގޭބިސީތަކަށް ދޫކުރި 50,519 ކޭހާއި އަތޮޅުތަކަށް ފޮނުވި 60,712 ކޭހެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ އަންނަ މާރިޗު މަހުގެ 18 ވަނަ ދުވަހެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެ ތާރީޚުގެ ކުރިން ހުރިހާ އާއިލާތަކަށް މި ހަދިޔާ ފޯރުކޮށްދިނުމަށެވެ.


