logo
Bank of Maldives

Bank of Maldives

ދުނިޔެ

ބަލޯޗް ހަނގުރާމަވެރިން ދިން ހަމަލާއެއްގައި ޕާކިސްތާނުގެ 80 އަށްވުރެ ގިނަ ސިފައިން މަރާލައި، 18 މީހަކު ރަހީނުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
1 ފެބްރުއަރީ 2026 - 03:32
ފޮޓޯ: ރޮއިޓާސް
ފޮޓޯ: ރޮއިޓާސް

ޖެނުއަރީ 31 ވަނަ ދުވަހު ބަލޯޗް ލިބަރޭޝަން އާމީ (ބީ.އެލް.އޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "އޮޕަރޭޝަން ހެރޯފް ފޭސް 2" ގެ ދަށުން ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތްތަކާއި، ފުލުހުންނާއި، އިންޓެލިޖެންސް އެޖެންސީތަކާއި، ކައުންޓަރ ޓެރަރިޒަމް ޔުނިޓްތަކަށް ނިސްބަތްވާ 80 އަށްވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށެވެ.

ބީ.އެލް.އޭ އިން ބުނި ގޮތުގައި އެ ޖަމާއަތުގެ ހަނގުރާމަވެރިން ވަނީ ބަލޯޗިސްތާނުގެ އެކި ސަރަހައްދުތަކުގައި ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކަކީ 10 ގަޑިއިރަށް ދެމިގެންދިޔަ، ސަލާމަތީ ބާރުތަކާއި، އަސްކަރީ އަދި އިދާރީ މަރުކަޒުތަކަށް އަމާޒުކޮށް ދިން ހަމަލާތަކެއް ކަމަށް އެ ޖަމާއަތުން ބުނެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެއް ވީޑިއޯތަކުން މިކަންކަން ކަށަވަރުވާ ކަމަށްވެސް ބުނެފައިވެއެވެ.

ބީ.އެލް.އޭ ގެ ތަރުޖަމާނު ޖީޔަންދު ބަލޯޗްއާ ހަވާލާދީ ބުނެފައިވަނީ، ކުއެޓާ، ނޯޝްކީ، މަސްތުންގް، ދަލްބަންދިން، ކަލާތު، ޚާރާން، ޕަންޖްގޫރު، ގްވާދަރު، ޕަސްނީ، ތުރުބަތު، ތުމްޕް، ބުލޭދާ، މަންގޯޗަރު، ލަސްބޭލާ، ކެޗް އަދި އަވާރާން ހިމެނޭހެން އެތައް ސަރަހައްދެއްގައި ހަމަލާތައް ދީފައިވާ ކަމަށެވެ. އަދި އެއްވަގުތެއްގައި ދިން މި ހަމަލާތަކުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ސަލާމަތީ ބާރުތަކުގެ ހަރަކާތްތައް ވަގުތީ ގޮތުން ހުއްޓުވާފައިވާ ކަމަށްވެސް އެ ޖަމާއަތުން ދައުވާ ކުރެއެވެ.

މި އޮޕަރޭޝަނުގައި ޕާކިސްތާނު އަސްކަރިއްޔާ، ފުލުހުން، އިންޓެލިޖެންސް އަދި ކައުންޓަރ ޓެރަރިޒަމް ޔުނިޓްތަކުގެ 84 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެ، 18 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބީ.އެލް.އޭ އިން ބުނެއެވެ. މީގެ އިތުރުން ސަރުކާރުގެ 30 އަށްވުރެ ގިނަ އިމާރާތްތަކާއި (އޮފީސްތަކާއި، ބޭންކުތަކާއި ޖަލުތައް ހިމެނޭހެން) ހިސާރުކޮށް ނުވަތަ ހަލާކުކޮށްލާފައިވާ ކަމަށާއި، 20 އަށްވުރެ ގިނަ އުޅަނދުގައި ރޯކޮށްލާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް، މި ދައުވާތަކާ ގުޅޭގޮތުން މިނިވަން އެއްވެސް ފަރާތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުންވެސް މި ހާދިސާގެ ތަފްސީލީ ރިޕޯޓެއް މިހާތަނަށް ނެރެފައެއް ނުވެއެވެ. މީގެ ކުރިންވެސް ބަލޯޗިސްތާނުގައި ހިނގާ މިފަދަ ހާދިސާތަކުގައި ހަނގުރާމަވެރި ޖަމާއަތްތަކުން ހާމަކުރާ އަދަދުތަކާއި ސަރުކާރުގެ ރަސްމީ އަދަދުތަކާ ދެމެދު ބޮޑެތި ފަރަގުތަކެއް ހުރެއެވެ.

ބީ.އެލް.އޭ އިން ވަނީ މި އޮޕަރޭޝަނުގައި އެ ޖަމާއަތުގެ "މަޖީދު ބްރިގޭޑް" ގެ މެންބަރުން ހިމެނޭހެން 7 ހަނގުރާމަވެރިއަކު މަރުވިކަމަށް އެއްބަސްވެފައެވެ.

ބަލޯޗް ލިބަރޭޝަން އާމީ އަކީ ބަލޯޗިސްތާނުގެ މިނިވަންކަމަށް މަސައްކަތްކުރާ އެތައް ޖަމާއަތެއްގެ ތެރެއިން އެއް ޖަމާއަތެވެ. މި ސަރަހައްދަކީ ސިޔާސީ މިނިވަންކަމާއި، ވަސީލަތްތަކުގެ މައްޗަށް އޮންނަ ބާރާއި، ތަރައްގީގެ މައްސަލަތަކާ ގުޅިގެން އެތައް އަހަރެއް ވަންދެން ހަމަނުޖެހުން ހިނގަމުންދާ ސަރަހައްދެކެވެ. މީގެ ކުރިންވެސް މި ޖަމާއަތުން ވަނީ ޕާކިސްތާނުގެ ސަލާމަތީ ބާރުތަކަށާއި، ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (CPEC) އާ ގުޅުންހުރި މަޝްރޫއުތަކަށް އަމާޒުކޮށް ހަމަލާތައް ދީފައެވެ.ޕާކިސްތާނުގެ އެންމެ ބޮޑު ނަމަވެސް އާބާދީ އެންމެ މަދު ޕްރޮވިންސް ކަމަށްވާ ބަލޯޗިސްތާނަކީ، ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންނާއި ދައުލަތާ ދެމެދު ހިނގަމުންދާ ދަށް ފަންތީގެ ހަމަނުޖެހުންތަކެއްގެ މަރުކަޒެކެވެ. އަހަރުތަކުގެ ތެރޭގައި އަނިޔާވެރިކަމުގެ މިންވަރަށް ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، ދޭތެރެ ދޭތެރެއިން ދޭ ބޮޑެތި ހަމަލާތަކާއި ހަނގުރާމަވެރިންނާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގެ ސަބަބުން އެ ސަރަހައްދުގެ ބައެއް ހިސާބުތަކުގެ އާންމު ދިރިއުޅުމަށް ދަނީ ބުރޫއަރަމުންނެވެ. ޕާކިސްތާނުގެ އަސްކަރިއްޔާއާއި ފްރޮންޓިއާ ކޯޕްސްގެ މައްޗަށް، ބަލޯޗް އާންމުންނާ ދެކޮޅަށް ގާނޫނާ ހިލާފަށް އަނިޔާވެރިވުމާއި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ތުހުމަތު އާންމުކޮށް ކުރެވެއެވެ. މީގެ ސަބަބުން ގިނަ ފަހަރަށް މީހުން ގަދަކަމުން ގެއްލުވައިލުމުގެ ހާދިސާތައް ހިނގައެވެ. ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި، ފާއިތުވި އަހަރުތަކުގައި ޕާކިސްތާނު ސިފައިން ނުވަތަ އެމީހުންގެ މިލިޝިއާތަކުން ވަނީ ބަލޯޗް ދަރިކޮޅުގެ އެތައް ހާސް ބަޔަކު މަރާލާފައި ނުވަތަ ގާނޫނާ ހިލާފަށް ވަގަށް ނަގާފައެވެ.

ބީ.އެލް.އޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އޮޕަރޭޝަންގެ ތެރޭގައި އެ ސަރަހައްދުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި، މި އެހީތެރިކަމުގެ ސަބަބުން މުވާސަލާތު ކުރުމަށާއި ހަނގުރާމަވެރިންގެ ހަރަކާތްތަކަށް ފަސޭހަވި ކަމަށެވެ. މިފަދަ ދައުވާތައް މިނިވަންކަމާއެކު ކަށަވަރުކުރުމަކީ އުނދަގޫ ކަމެއް ނަމަވެސް، މުހައްލިލުން ފާހަގަކުރާ ގޮތުގައި ބަލޯޗިސްތާނުގެ އާންމު ރައްޔިތުން ދަނީ ބީ.އެލް.އޭ އަށް ކާބޯތަކެއްޗާއި ފެނާއި ހިޔާވަހިކަން ފޯރުކޮށްދީ ބޮޑު އެހީތެރިކަމެއް ދެމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަލޯޗް ހަނގުރާމަވެރިންގެ ހަމަލާއެއްގައި ޕާކިސްތާނުގެ 80 އަށްވުރެ ގިނަ ސިފައިން މަރާލައި، 18 މީހަކު ރަހީނުކޮށްފިދުނިޔެ | 2 ގަޑިއިރު ކުރިންގުޅުން ބަދަހި ކުރަން ޗައިނާ ރައީސް ޝީ ސަޕޯޓްކުރާ މެންޗެސްޓަރ ޔުނައިޓެޑް މެޗު ކުޅުނު ބޯޅައެއް ޔޫކޭ އިން ހަދިޔާކޮށްފިޚަބަރު | 19 ގަޑިއިރު ކުރިންސްޕެއިންގެ ސައިންސްވެރިން ޕެންކްރިއެޓިކް ކެންސަރަށް ފަރުވާއެއް ހޯދައިފިޚަބަރު | 2 ދުވަސް ކުރިންއިންޑިއާގައި ފިރިމީހާ ޑަންބެލްއަކުން ހަމަލާދީ އަނބިމީހާ މަރާލައިފިދުނިޔެ | 2 ދުވަސް ކުރިން