ޓްރަމްޕް ބޭނުންވަނީ ހޮރްމުޒް ކަނޑުއޮޅީގެ ނަން 'ޓްރަމްޕް ސްޓްރެއިޓް' އަށް ބަދަލުކުރަން
3 ސެޕްޓެމްބަރު 2026 - 17:05
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ދުނިޔޭގެ މުހިންމު ކަނޑުގެ މަގެއް ކަމަށްވާ ހޮރްމުޒް ކަނޑުއޮޅީގެ ނަން އޭނާގެ ނަމަށް ނިސްބަތްކޮށް "ޓްރަމްޕް ސްޓްރެއިޓް" އަށް ބަދަލުކުރުމަށް ބުދަ ދުވަހު ހުށަހަޅުއްވައިފިއެވެ.
އޭނާ މިގޮތަށް ހުށަހެޅުއްވީ އެ ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް އީރާނާ އެމެރިކާ އާ ދެމެދު ހަނގުރާމަ ވަރުގަދަވެފައިވާ ދަނޑިވަޅެއްގައެވެ.

Ad by Hajj Corporation
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ޓްރުތު ސޯޝަލް' ގައި ވިދާޅުވީ، އެ ސަރަހައްދު މިހާރު އެމެރިކާގެ ބާރުގެ ދަށަށް ގެނެވިފައިވާ ކަމަށާއި، އެހެންކަމުން ކަނޑުއޮޅީގެ ނަން "ޓްރަމްޕް ސްޓްރެއިޓް" އަށް ބަދަލުކުރަންވީ ނޫންތޯ ސުވާލު އުފައްދަވާފައެވެ. އަދި އެމެރިކާ ފަދައިން އެތަންވެސް ކުރިއަށްވުރެ ފުރިހަމަވެ، މަގުބޫލު ވެގެންދާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ފާއިތުވި ހަފުތާތަކުގައި ޓްރަމްޕް ވަނީ އެ ކަނޑުއޮޅިއަކީ އެމެރިކާގެ އައު ސަރަހައްދެއްގެ ގޮތުގައި ދައްކުވައިދޭ ޗާޓެއްވެސް އާންމުކުރައްވާފައެވެ.
މިއީ ޖިއޮގްރަފީ ގޮތުން ފާހަގަކޮށްލެވޭ ތަންތަނުގެ ނަންތައް ބަދަލުކުރުމަށް ޓްރަމްޕް ހުށަހެޅުއްވި ފުރަތަމަ ފަހަރެއް ނޫނެވެ. ކެނެޑާއާއެކު އޮތް ވިޔަފާރީގެ ދެބަސްވުންތަކުގެ ތެރެއިން ލޭކް އޮންޓޭރިއޯގެ ނަން "ލޭކް އެމެރިކާ" އަށް ބަދަލުކުރުމަށް ޓްރަމްޕް އަމުރުކުރެއްވިއިރު، ޖެނުއަރީ 2025 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހު ގަލްފް އޮފް މެކްސިކޯގެ ނަން "ގަލްފް އޮފް އެމެރިކާ" އަށް ވަނީ ބަދަލުކުރައްވާފައެވެ. ނަމަވެސް، މެކްސިކޯ އަދި ކެނެޑާއިންވެސް މި ބަދަލުތައް ބަލައިގެންފައެއް ނުވެއެވެ.
ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މި މުހިންމު ކަނޑުއޮޅި، ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން ގުޅިގެން ފެށި ހަނގުރާމައިގެ ބަދަލުހިފުމެއްގެ ގޮތުން އީރާނުން އޮތީ ބަންދުކޮށްފައެވެ. އެމެރިކާގެ ސިފައިން އަންގާރަ ދުވަހު ކަނޑުއޮޅި ކައިރިއަށް ދިން އައު ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ އަނެއްކާވެސް އުފުލެން ފަށާފައެވެ.
އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ މި އޮޕަރޭޝަން މާ ގިނަ ދުވަހަކަށް ދެމިގެން ނުދާނެ ކަމަށެވެ. އަދި އީރާނުން ކަނޑުއޮޅި ސަރަހައްދުގައި ގާއިމުކުރަން އުޅުނު އައު ހަތިޔާރުތަކާއި މިސައިލް އަދި ރާޑަރު ސިސްޓަމްތައް އެމެރިކާގެ ވަރުގަދަ ހަމަލާތަކުގައި ހަލާކުކޮށްލާފައިވާ ކަމަށާއި، ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި އަނެއްކާވެސް ހަމަލާދިނުމަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
