އިންޑިއާގައި ބެންގާލީ އެކްޓަރަކަށް ގެރިމަސް ދިން ވެއިޓަރަކު ހައްޔަރުކޮށްފި
1 ފެބްރުއަރީ 2026 - 03:42

އިންޑިއާގެ ކަލްކަތާގެ ޕާކް ސްޓްރީޓްގައި ހުންނަ މަޝްހޫރު ޕަބެއްގައި، މަޓަން ސްޓޭކްގެ ބަދަލުގައި ގެރިމަސް ސާވްކުރި ކަމަށް ބެންގާލީ އެކްޓަރު އަދި ސޯޝަލް މީޑިއާ އިންފްލުއެންސަރ ސަޔަކް ޗަކްރަބޯޓީ ތުހުމަތު ކުރުމާ ގުޅިގެން، އެތަނުގެ ވެއިޓަރަކު ހޮނިހިރު ދުވަހު ހައްޔަރުކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ރޭ ސަޔަކް އާއި އޭނާގެ އެކުވެރިން ރޭގަނޑުގެ ކެއުމަށް ގޮސް އުޅުނު "އޯލީ" ނަމަކަށް ކިޔާ މަޝްހޫރު ޕަބެއްގައެވެ. ހުށަހެޅި ޝަކުވާގައިވާ ގޮތުން، އެމީހުން އޯޑަރު ކުރީ މަޓަން ސްޓޭކަކަށެވެ. ނަމަވެސް އެމީހުންނަށް ގެނެސްދިނީ ގެރިމަސް ކަމަށާއި، އެކަން ނޭނގި ތިބެ އެ މަސް ކެވުނު ކަމަށް ބުނެފައިވެއެވެ. މިކަން ފަޅާ އެރީ، އެމީހުން އޯޑަރު ކުރީ އެންމެ ސްޓޭކަކަށް ކަމަށް ވީނަމަވެސް، އިތުރު ސްޓޭކެއް މޭޒުމައްޗަށް ގެނެސް ބެހެއްޓުމުންނެވެ.

Ad by Hajj Corporation
"އަހަރެމެން އެމީހާއާ ސުވާލު ކުރުމުން އޭނާ ބުނީ އަހަރެމެން އޯޑަރު ކުރީ ދެ ސްޓޭކަށް ކަމަށާއި، އެއީ މަޓަން މަހުގެ ސްޓޭކަކާއި ގެރިމަހުގެ ސްޓޭކެއް ކަމަށް. އަހަރެން ނުރުހުން ފާޅުކުރީ އެ ހިސާބުން،" ސަޔަކް ބުންޏެވެ. އަދި ނޭނގި ހުރެ ގެރިމަސް ކެވުނުކަން އެނގުމުން ނަފްސާނީ ގޮތުން ވަރަށް ބޮޑު އަސަރެއް ކުރި ކަމަށްވެސް އޭނާ ބުންޏެވެ.
މި ހާދިސާގެ ވީޑިއޯއެއް ސަޔަކް ފަހުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާއިރު، އޭގައި އޭނާ ވެއިޓަރާ ސުވާލުކޮށް ކަން ހިނގި ގޮތުގެ ތަފްސީލަށް އެދޭ މަންޒަރު ފެނެއެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ވެއިޓަރާއި ރެސްޓޯރަންޓްގެ މެނޭޖަރު ވަނީ އެކަމަށް މާފަށް އެދިފައެވެ. މެނޭޖަރު ވަނީ އެއީ ހެދުނު "ބޮޑު" ގޯހެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ވީޑިއޯގައި ސަޔަކް ބުނާ ގޮތުން އޭނާއަކީ ބްރަހްމިނެކެވެ. އަދި ވެއިޓަރު އެގޮތަށް ކަންތައް ކުރުމުން އޭނާގެ ދީނީ އިހުސާސްތަކަށް އަސަރުކޮށްފައިވާ ކަމަށް ބުނެ ތުހުމަތު ކުރެއެވެ. މި ވީޑިއޯ ވައިރަލްވުމާ ގުޅިގެން، ޕާކް ސްޓްރީޓް ފުލުހުން ވަނީ މައްސަލަ ރަޖިސްޓްރީކޮށް، ޝެއިޚް ނާސިރުއްދީން ނަމަކަށް ކިޔާ ވެއިޓަރު ބާރަތިޔާ ނިޔާޔާ ސަންހިތާ (ބީއެންއެސް) ގެ 299 ވަނަ މާއްދާގެ ދަށުން ހައްޔަރުކޮށްފައެވެ.
މި ވީޑިއޯ ސޯޝަލް މީޑިއާގައި ފެތުރިގެން ދިއުމާއެކު، ބައެއް މީހުން ވަނީ ސަޔަކްއަށް ފާޑުކިޔައި، އޭނާއަކީ ދީނީ ފިތުނަ އުފައްދަން އުޅޭ މީހެއް ކަމަށާއި ބީޖޭޕީގެ އެޖެންޓެއް ކަމަށް ބުނެފައެވެ. އޭގެ ފަހުން އޭނާ ވަނީ ކުރިން ލީ ވީޑިއޯ ފޮހެލުމަށްފަހު، އެހެން ވީޑިއޯއެއް އަޕްލޯޑްކޮށް، އެއްވެސް ސިޔާސީ ނުވަތަ ދީނީ މަގްސަދެއް ނެތް ކަމަށް ބުނެފައެވެ.
"ހިންދޫންނާއި މުސްލިމުންގެ މެދުގައި ހަމަނުޖެހުން އުފެއްދުމުގެ އެއްވެސް ނިޔަތެއް އަހަރެންގެ ނެތް. އަހަރެންގެ މުސްލިމް އެކުވެރިން ތިބޭ. އަހަރެންގެ އެކުވެރިޔާ ރިޔާޒްގެ ގޭގައި އީދު ފާހަގަކުރަން. އަހަރެންގެ ކޮންޓެންޓަކީ އަބަދުވެސް ދީނީ އެއްބައިވަންތަކަމަށް ހިތްވަރުދޭ އެއްޗެއް،" އޭނާ ބުންޏެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި ދީނަކީ އެކުވެރިކަމަށް އޮތް ހުރަހަކަށް ވެގެން ނުވާނެ،" ސަޔަކް އިތުރަށް ބުންޏެވެ.
އޭނާ ބުނި ގޮތުގައި އޭނާގެ އެއްވެސް ސިޔާސީ ގުޅުމެއް ނުވަތަ އުންމީދެއް ނެތެވެ. އަދި އެ ވަގުތު އޭނާއަށް އެގޮތަށް އަމަލުކުރެވުނީ ހަމައެކަނި އައި ޖަޒުބާތެއްގެ ސަބަބުންނެވެ.
"މީގެ ތެރެއަށް ސިޔާސީ ކަންކަން ވައްދާނެ ކަމެއް ނެތް،" އޭނާ ބުންޏެވެ.
މީގެ ކުރިން ޗީފް މިނިސްޓަރު އިންތިޒާމު ކުރެއްވި ހަފްލާތަކަށް ދިއުމުން އޭނާއަކީ "ސްޓޭޓް ގަވަރުމަންޓްގެ ގޮނޑިކޮއްކޮއެއް" ކަމަށް ބުނެ ބައެއް މީހުން ލޭބަލް ކުރިކަންވެސް އޭނާ ހަނދާންކޮށްދިނެވެ.
ކާނާގެ ރަހަ ބެލުމަށްފަހު ޝަކުވާ ހުށަހެޅީ ކީއްވެގެންތޯ ކުރި ސުވާލަށް ޖަވާބު ދެމުން ސަޔަކް ބުނީ، މައްސަލަ ފެންމަތިވުމުގެ ކުރިން އޭނާއާއި އޭނާގެ އެކުވެރިޔާ އެ ކާނާއިން ރަހަ ބެލީ ކުޑަ މިންވަރަކަށް ކަމަށެވެ.
އޭނާގެ ނިންމުމުގައި ސާބިތުވެ ހުރި ނަމަވެސް، ވެއިޓަރާ މެދު ހަމްދަރުދީވާ ކަމަށްވެސް އޭނާ ބުންޏެވެ.
"އެ ވެއިޓަރަކީ ހިންދޫއެއް ކަމަށް ބުނި ނަމަވެސް، އަހަރެން ކުރާނީ ހަމަ އެއް ސުވާލެއް: ތިމާއަށް ނޭނގި ގެރިމަސް އެރުވިއްޖެ ނަމަ ކާނަންތަ؟ ރޭގަނޑު ކާ ގަޑީގައި ރެސްޓޯރަންޓްތައް ވަރަށް ބާރުބޮޑުވެދާނެ، އެކަމަކު މިފަދަ ގޯސްތަކާ ދެކޮޅަށް އަޑު ނުއުފުލައިފިނަމަ، ކުރިމަގުގައި އެހެން މީހުންނަށްވެސް މިފަދަ ކަންކަމާ ކުރިމަތިލާން ޖެހިދާނެ،" އޭނާ ބުންޏެވެ.


