އިންޑިއާއިން ހަކުރު ބޭރުކުރުން މަނާކޮށްފި، ރާއްޖެ އަށް ހުރަހެއްނެތް
14 މޭ 2026 - 14:33

އިންޑިއާގެ އެތެރޭގެ ބޭނުންތަކަށް ބޭނުންވާ މިންވަރަށް ހަކުރު ރައްކާކުރުމަށާއި، ބާޒާރުގައި ހަކުރުގެ އަގު ކޮންޓްރޯލް ކުރުމުގެ މަގުސަދުގައި އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ގައުމުން ހަކުރު ބޭރުކުރުން މަނާކޮށްފިއެވެ.
ނަމަވެސް، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ހާއްސަ އެއްބަސްވުމުގެ ދަށުން، މި ނިންމުމުން ރާއްޖެ އިސްތިސްނާވާނެއެވެ.

Ad by Hajj Corporation
އިންޑިއާގެ ސަރުކާރުން ނިންމާފައިވާ މި ނިންމުމުގެ ދަށުން، ހަކުރުގެ ބާވަތްތައް މިހާރު ވަނީ 'ކޮންޓްރޯލް' ކުރެވިފައިވާ ތަކެތީގެ ލިސްޓުން 'މަނާ' ތަކެތީގެ ލިސްޓަށް ބަދަލުކޮށްފައެވެ. މި ފިޔަވަޅަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ނުވަތަ ސަރުކާރުން ވަކި ގޮތެއް އަންގަންދެން އަމަލުކުރަން ނިންމާފައިވާ ނިންމުމެއް ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
މި ނިންމުމުން ރާއްޖޭގެ އިތުރުން ޔޫރަޕިއަން ޔޫނިއަން، އެމެރިކާ އަދި ހާއްސަ ކޯޓާ (TRQ) ލިބިފައިވާ ގައުމުތައް ވެސް އިސްތިސްނާވާނެއެވެ. ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް އެތެރެކުރުމަށް ދެ ގައުމުގެ ދެމެދުގައި އޮންނަ ޚާއްޞަ ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، ރާއްޖެއަށް ހަކުރު އެކްސްޕޯޓްކުރުން މަނަލެއް ނުވާނެއެވެ.
އިންޑިއާގެ ފުޑް މިނިސްޓްރީން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް މާކެޓިން އަހަރުގެ ތެރޭގައި އެ ގައުމުން އެކްސްޕޯޓް ކުރެވޭނީ ގާތްގަނޑަކަށް 7.5 އާއި 8 ލައްކަ ޓަނާ ދެމެދުގެ ހަކުރެވެ. އިންޑިއާއަކީ ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ހަކުރު ބޭރުކުރާ އެއް ގައުމު ކަމަށްވާއިރު، އެ ގައުމުން އެޅި މި ފިޔަވަޅަކީ ދާޚިލީ ބާޒާރުގެ ހަމަޖެހުމަށް އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިންޑިއާއާއެކު އޮންނަ ޒަމާންވީ ގުޅުމުގެ ތެރެއިން، މިފަދަ ދަނޑިވަޅުތަކުގައި ވެސް ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ މެދުނުކެނޑި ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.


