އިމްތިހާނު ކަރުދާސްތައް ލީކުވި މައްސަލައިގައި އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި
25 ޖުލައި 2026 - 12:42

އިންޑިއާގެ ތައުލީމީ ނިޒާމުގެ ތެރޭގައި ހިނގާފައިވާ ކަމަށް ބުނާ އިމްތިހާނު ކަރުދާސްތައް ލީކުވުމާއި އެހެނިހެން އޮޅުވާލުންތަކާ ގުޅިގެން މުޅި ގައުމުގައި ކުރަމުންދިޔަ މުޒާހަރާތަކަށްފަހު، އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން ހޮނިހިރު ދުވަހު އިސްތިއުފާ ދެއްވައިފިއެވެ.
އިޖުތިމާއީ މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕްރަދާން ވިދާޅުވީ ފާއިތުވި 10 ދުވަހު ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑު ހިތާމައެއް ލިބިފައިވާ ކަމަށާއި، މިއީ އޭނާގެ އަމިއްލަ އަބުރާ ގުޅިފައިވާ ކަމެއް ނޫން ކަމަށެވެ.

Ad by Hajj Corporation
"ގައުމުގެ އެއްބައިވަންތަކަން ދަމަހައްޓަންޖެހޭ. އިންޑިއާގެ އެއްވެސް ދަރިވަރެއްގެ މުސްތަގުބަލު ގާނޫނީ އޮޅުންބޮޅުންތަކެއްގެ ތެރެއަށް ވަދެގެން ނުވާނެ،" އޭނާ ވިދާޅުވިއެވެ. މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް ބޮޑުވަޒީރަށް އިސްތިއުފާގެ ސިޓީ ފޮނުއްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން
މި މުޒާހަރާތައް އިސްވެ ހިންގަމުންދަނީ އަލަށް އުފެދުނު 'ކޮކްރޯޗް ޖަންތާ ޕާޓީ' އިންނެވެ. މި ހަރަކާތް އުފެދުނީ ވަޒީފާނެތް ޒުވާނުންނަކީ ކުރަފިތަކެއްގެ ގޮތުގައި ސިފަކުރައްވައި އެ ގައުމުގެ އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެންނެވެ. މި ހަފުތާގައި ވެރިރަށް ނިއުދިއްލީގައި މުޒާހަރާގެ ބައިވެރިން ޕާލަމެންޓާ ދިމާލަށް ދިއުމަށް މަސައްކަތް ކުރުމުން، ފުލުހުން ވަނީ ކަރުނަގޭހާއި މުގުރު ބޭނުންކޮށްގެން މުޒާހަރާ ރޫޅާލާފައެވެ.
އިންޑިއާގެ މައި އިދިކޮޅު ޕާޓީ، ކޮންގްރެސްގެ ރައީސް މައްލިކާރްޖުން ކަރްގޭ މި އިސްތިއުފާ ސިފަކުރެއްވީ "މުޅި ގައުމުގެ މަގުތަކަށް ނުކުމެ އަޑުއުފުލި މިލިއަނުން ގުނާލެވޭ ޒުވާނުންގެ ކާމިޔާބީ" އެއްގެ ގޮތުގައެވެ. އޭނާ ވިދާޅުވީ ދެން އޮތީ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޒުވާނުންގެ ކިބައިން މައާފަށް އެދިވަޑައިގަތުމާއި، މުޒާހަރާގެ ބައިވެރިންނަށް އަނިޔާކުރި ފުލުހުންނަށް ފިޔަވަޅު އެޅުން ކަމަށެވެ.
ކޮކްރޯޗް ޕާޓީން ބުނާ ގޮތުގައި އެމީހުންގެ އަދިވެސް ދެ ޑިމާންޑެއް ފުރިހަމައެއް ނުވެއެވެ. އެއީ އިމްތިހާނުތައް ބާތިލުކުރުމާ ގުޅިގެން އަމިއްލައަށް މަރުވި 11 ކުދިންގެ އާއިލާތަކަށް 10 މިލިއަން ރުޕީސްގެ ބަދަލެއް ދިނުމާއި، ފުލުހުން ހިންގި އަނިޔާވެރި އަމަލުތަކަށް ފިޔަވަޅު އެޅުމެވެ. މި މައްސަލައިގައި މިހާތަނަށް މަދުވެގެން 11 ދަރިވަރަކު ވަނީ އަމިއްލައަށް މަރުވެފައެވެ.


