30 ބިލިއަން ރުޕީސްގެ ސްވަޕް އަނބުރާ ދެއްކުން އިންޑިއާއިން ފަސްކޮށްދީފި
16 އޮކްޓޯބަރު 2026 - 13:32

ދިވެހި ސަރުކާރުން ނަގާފައިވާ 30 ބިލިއަން އިންޑިއަން ރުޕީސް ގެ ކަރަންސީ ސްވަޕް ފެސިލިޓީ އަނބުރާ ދެއްކުން އިންޑިއާ ސަރުކާރުން ފަސްކޮށްދީ (ރޯލް-އޯވަރ ކޮށްދީ) ފިއެވެ.
މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
.png&w=750&q=75)
Ad by Hajj Corporation
ހައިކޮމިޝަނުން ހާމަކުރި ގޮތުގައި، މި ފެސިލިޓީ ފަސްކޮށްދީފައިވަނީ ސާކް ޤައުމުތަކަށް ޚާއްޞަކޮށްގެން އެކުލަވާލާފައިވާ ކަރަންސީ ސްވަޕް އިންތިޒާމުގެ ދަށުން، ދިވެހި ސަރުކާރުގެ އެދުމުގެ މަތިންނެވެ. މި އެއްބަސްވުމުގައި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައެވެ. އަދި މި 30 ބިލިއަން ރުޕީސްގެ ފުރަތަމަ ޑްރޯޑައުން ދިވެހި ސަރުކާރަށް ދޫކޮށްފައިވަނީ 2026 ވަނަ އަހަރުގެ އެޕްރީލް 23 ގައެވެ.
2024 އިން 2027 އަށް ހަމަޖެހިފައިވާ މި އޮނިގަނޑުގެ ދަށުން ދޭ ރުޕީސް ކަރަންސީ ސްވަޕްގައި އިންޓްރެސްޓް ރޭޓާއި އެހެނިހެން ޝަރުތުތަކުން ބޮޑެތި ލުއިތަކެއް ދީފައިވާ ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ. މި އިންތިޒާމު 2012 ގައި ފެށުނީއްސުރެ މިހާތަނަށް އިންޑިއާގެ އާރްބީއައި އިން ވަނީ ރާއްޖެއަށް ޖުމްލަ 1.1 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ސްވަޕް އެހީތެރިކަން ފޯރުކޮށްދީފައެވެ.
މީގެ އިތުރުން، ރާއްޖޭގެ ދިގު މުއްދަތުގެ ޓްރެޜަރީ ބޮންޑްތަކުގެ ތެރެއިން 250 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރުގެ ދެ ބޮންޑެއް އިންޑިއާއިން ވަނީ ސަބްސްކްރައިބް ކޮށްފައެވެ. އަދި އިންޑިއާއިން ސަބްސްކްރައިބް ކުރި 150 މިލިއަން ޑޮލަރުގެ ތިން ޓީ-ބިލެއް ރާއްޖެއިން ދައްކައި ޚަލާޞްކޮށްފައިވާއިރު، އެ ބިލްތަކަށް އެރި އިންޓްރެސްޓްގެ ގޮތުގައި ދައްކަންޖެހުނު 42.8 މިލިއަން އެމެރިކާ ޑޮލަރު ދައްކައިދީފައިވަނީ އިންޑިއާ ސަރުކާރުންނެވެ. ހައިކޮމިޝަނުން ފާހަގަކުރި ގޮތުގައި، މި އެހީތަކަކީ ރާއްޖޭގެ މާލީ ހަމަޖެހުން ދެމެހެއްޓުމަށް ލިބިގެންދިޔަ މުހިންމު ބާރެކެވެ.
އިންޑިއާއިން ބުނީ ރާއްޖެއަކީ އެ ޤައުމުގެ 'ނެއިބަރހުޑް ފަސްޓް' ސިޔާސަތާއި އަދި ސަރަޙައްދީ ސަލާމަތާއި ކުރިއެރުމަށް އެކުލަވާލާފައިވާ 'ވިޝަން މަހާސާގަރު' ގެ ދަށުން ޚާއްޞަ އިސްކަމެއް ދެވިފައިވާ ޤައުމެއް ކަމަށެވެ. އަދި ގާތް، އިތުބާރުހުރި އެކުވެރިއެއްގެ ގޮތުގައި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އިޤްތިޞާދީ އަދި ކަނޑުގެ ސަލާމަތާ ގުޅޭގޮތުން އެއްބަސްވެފައިވާ ޖޮއިންޓް ވިޝަން ތަންފީޛުކުރުމުގައި އިންޑިއާ އަބަދުވެސް ދެމިއޮންނާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

-01.jpg&w=3840&q=75)
