ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ގުރުއަތުލުން ނިންމާލައިފި
1 ފެބްރުއަރީ 2026 - 05:49

"ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ މީހުންނަށް އެ ފަޅުގެ އާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ޕްލޮޓްތައް ކަނޑައެޅުމަށް ބޭއްވި ގުރުއަތުލުން ނިންމާލައިފިއެވެ.
ގުރުއަތު ނެގުން 14 ގަޑިއިރަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ޖުމުލަ 4072 ގޯތި ގިރާވަރު ފަޅުން ދޫކޮށްފައިވެއެވެ.
ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންގެ ގުރުއަތު އަލުން ނަގާފައިވަނީ ގިރާވަރުފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނުގައި އެތަނުން ގޯތި ދޭ ސަރަޙައްދަށް ބަދަލުތަކެއް އައިސްފައިވާތީކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.ގުރުއަތު ނަގާފައިވަނީ، ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ގޯތީގެ އައު ޕްލޮޓް ކަނޑައެޅުމަށެވެ.

Ad by Hajj Corporation
އެ ގުރުއަތުލުމުގައި ގޯތި ލިބުނު ފަރާތްތަކުގެ ހާޒިރުގައި ޕްލޮޓްތައް ކަނޑައަޅައި، ގުރުއަތުން ހޮވޭ ޕްލޮޓް ނަންބަރު އެ ވަގުތުން ވަގުތަށް އެސްއެމްއެސް މެދުވެރިކޮށް ކަމާބެހޭ ފަރާތްތަކަށް ވަނީ އަންގާފައެވެ.
ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ ތަފްސީލަށް ބަލާއިރު:
- 1250 އަކަފޫޓުގެ 2605 ގޯތި
- 1650 އަކަފޫޓުގެ 1213 ގޯތި
- 2050 އަކަފޫޓުގެ 253 ގޯތި
- 2450 އަކަފޫޓުގެ 1 ގޯތި
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންނަށް އެއްބަސްވުން ހެދުމާއި ރަޖިސްޓްރީއާއި ބެހޭ މަސައްކަތްތައް ގެންދާނެ މުއްދަތު، ފަހުގެ ތާރީޚެއްގައި އަންގާނެކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ. އަދި މިހާރު ފަށާފައިވާ ބިން ހިއްކުމުގެ މަސައްކަތް ނިމުމުން އިން ވަކިކޮށް، ގޯތި ހަވާލުކުރާނެކަމަށްވެސް ވަނީ ބުނެފައިވެއެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢަށް އިތުރު 113 ހެކްޓަރު އިތުރުކުރުމަށް ނިންމައި، ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފައްޓަވާފައެވެ.
ނިމުނު ސަރުކާރުގައި ގިރާވަރު ފަޅުން ގޯތި ދޫކޮށްފައިވަނީ، އެތަނުގެ އެކަށީގެންވާ ލޭންޑް ޔޫސް ޕްލޭނެއް ހެދުމެއް ނެތިއެވެ. އެގޮތުން އެތަނުގައި އާބާދުވާނެ އާބާދީއަށް ބޭނުންވާ އަސާސީ ޚިދުމަތްތަކަށް ބޭނުންވާ ޖާގަ އެކަށީގެންވާ ގޮތުގައި ކަނޑައަޅާފައެއް ނުވެއެވެ.މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ވަނީ ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭން އަލުން އެކުލަވާލާ، އޭގެ މަސައްކަތްތައް ފަށާފައެވެ.


