ފީ ނުނަގާ މުދާ ބަހައްޓައިދޭ މުއްދަތު އިތުރުކޮށްފި
1 ފެބްރުއަރީ 2026 - 06:17
%20(1).webp&w=3840&q=75)
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މާލޭ ވިޔަފާރި ބަނދަރުގެ އޯޕަން ސްޓޯރޭޖުގައި މުދާ ބަހައްޓައިގެން ޑެމަރޭޖް ނާރާ މުއްދަތު އިތުރުކުރުމަށް އެ ކުންފުނީގެ ބޯޑުން ނިންމައިފިއެވެ.
އެމްޕީއެލުން ގެނައި މި ބަދަލާއެކު، މާލޭ ވިޔަފާރި ބަނދަރަށް ކޮންޓޭނަރަށް ނުލައި ގެންނަ މުދަލުގެ ތެރެއިން "އޯޕަން ސްޓޯރޭޖް އޭރިޔާ" ގައި ސްޓޯރ ކުރާ މުދަލަށް ދޭ "ފްރީ ސްޓޯރޭޖް" މުއްދަތު މިހާރު ވަނީ 10 ދުވަހަށް އިތުރުކޮށްފައެވެ. މީގެކުރިން މިފަދަ މުދާ ޑެމަރޭޖާ ނުލައި ބަހައްޓައިދެނީ ފަސް ދުވަހުގެ މުއްދަތަށެވެ.

Ad by Hajj Corporation
އެމްޕީއެލުން ބުނީ މިގޮތަށް ޑެމަރޭޖު ނާރާގޮތަށް ބަހައްޓާ މުދަލުގެ ތެރޭގައި ކޮންވެންޝަނަލް މުދާ ނުވަތަ އަވަހަށް ހަލާކުވާ ޒާތުގެ މުދާ ނުހިމެނޭނެ ކަމަށެވެ. މި ބަދަލަކީ ރާއްޖޭގެ ވިޔަފާރިވެރިންނަށް، ޚާއްޞަކޮށް މުދާ އެތެރެކުރާ ކުދި ވިޔަފާރިތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
މި ގެނައި ބަދަލުތަކަށް އަމަލުކުރަން ފަށާނީ، ފެބްރުއަރީ އެކަކުން ފެށިގެން މާލެ ވިޔަފާރި ބަނދަރަށް އަންނަ އުޅަނދުތަކުން ބާލާ މުދަލަށެވެ. މިއީ ރާއްޖޭގެ އިޤްތިޞާދީ ދާއިރާ ހަރުދަނާކޮށް، ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ދުރުރާސްތާ ސިޔާސަތުގެ މުހިންމު ފިޔަވަޅެކެވެ.
އެމްޕީއެލުން މިގޮތަށް ނިންމާފައިވަނީ، މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ހުށަހެޅި ކަންބޮޑުވުންތަކާ ގުޅިގެންނެވެ. ވިޔަފާރިވެރިންގެ މިކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، އެމްއޭސީއެލްގައި ޑެމަރޭޖް ނާރާ ހޭދަވާ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލުކުރުމަށާއި، މުދާ ކުލިއަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.


