ޑްރަގާއެކު ވިލިނގިލި ފަޅުގައި އޮތް ލޯންޗަކުން ހައްޔަރުކުރި މީހަކު ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
3 ފެބްރުއަރީ 2026 - 04:00

މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ވިލިނގިލިން މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ގއ. މާމެންދޫ، އާރާދަނާ، އަޞްޢަދު ޢަލީ (35އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި ފަޅުގައި އޮތް ލޯންޗެއްގެ ތެރޭގައި ހުއްޓައެވެ.

Ad by Hajj Corporation
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހު ވިލިނގިލީ ޕޮލިހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އޭނާއާމެދު ތުހުމަތުކުރެވިގެން ފުލުހުން ވަނީ އެ ލޯންޗަށް އަރައި އޭނާ ހުއްޓުވައި ބަލައިފާސްކޮށްފައެވެ. މި ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 49 ގުރާމެވެ. މި މައްސަލައާ ގުޅިގެން އޭނާ ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ތަހުގީގު ނިމި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


