އީރާނަށް ހަމަލާދިނުމަށް އިސްރާއީލުން ދަނީ އެމެރިކާގެ ކިބައިން އެދެމުން، ޓްރަމްޕް ހުރީ ހިމޭނުން: ރިޕޯޓު
4 ފެބްރުއަރީ 2026 - 04:38

އިސްރާއީލުން އީރާނަށް ހަމަލާދިނުމަށް އެމެރިކާގެ ކިބައިން އެދެމުންދާ ކަމަށާއި، ނަމަވެސް ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމަށް ތާއީދު ނުކުރައްވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އަންގާރަ ދުވަހު ޝާއިއުކުރި ރިޕޯޓެއްގައި އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ، ތެހެރާނަށް އިތުރު ހަމަލާތަކެއް ދިނުމާ މެދު ޓްރަމްޕްގެ ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ.

Ad by Hajj Corporation
އެމެރިކާއިން އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފައުޖުތައް ވަރުގަދަކުރަމުންދާ ދަނޑިވަޅެއްގައި، އިސްރާއީލުގެ ޑިފެންސް ފޯސަސްގެ ޗީފް އޮފް ސްޓާފް ޖެނެރަލް އީޔަލް ޒަމީރާއި މޮސާޑްގެ ޑިރެކްޓަރު ޑޭވިޑް ބާނިއާ ހިމެނޭ ގޮތަށް އިސްރާއީލުގެ އިސް އޮފިޝަލުންތަކެއް ފާއިތުވި ހަފުތާތަކުގައި ވޮޝިންޓަނަށް ޒިޔާރަތްކުރައްވާފައިވެއެވެ. ޒަމީރު ވަނީ ހަފުތާ ބަންދުގައި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކޭންއާ ބައްދަލުކުރައްވައި، އިސްރާއީލުގެ ހަނގުރާމައިގެ ރޭވުންތަކާ ބެހޭ މައުލޫމާތު ހިއްސާކުރައްވާފައެވެ.
އެކްސިއޯސްއަށް މައުލޫމާތު ދިން އެމެރިކާގެ ނަން ހާމަނުކުރާ އޮފިޝަލަކު ވިދާޅުވީ، "އެ ބައްދަލުވުމުން އޭނާގެ (ކޭންގެ) ނުވަތަ ރައީސްގެ ވިސްނުން އީރާނަށް ހަމަލާދިނުމާ މެދު ބަދަލުވި ކަމަށް ބުނުމަކީ ރަނގަޅު ވާހަކައެއް ނޫން،" ކަމަށެވެ. އަދި ހަގީގަތުގައި ހަމަލާދޭން ބޭނުންވަނީ އިސްރާއީލުން ކަމަށާއި، ރައީސް ޓްރަމްޕް އެކަމަށް ތާއީދެއް ނުކުރައްވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އެމެރިކާގެ އިސް އެހެން އޮފިޝަލަކުވެސް ވަނީ ރައީސް ޓްރަމްޕް ހަގީގަތުގައިވެސް އެކަން ކުރަން ބޭނުންފުޅު ނުވާކަން ކަށަވަރުކޮށްދީފައެވެ.
އިސްލާމީ ޖުމްހޫރިއްޔާއާއެކު ކުރިއަށްދާ ނިއުކްލިއާ މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ، އީރާނަށް "ފަހަރުގައި ގޯސް ކަންތައްތަކެއް ދިމާވެދާނެ" ކަމުގެ އިންޒާރު ޓްރަމްޕް ހޯމަ ދުވަހު ދެއްވާފައިވެއެވެ. އަދި އެ ސަރަހައްދަށް ދަތުރުކުރަމުންދާ އެމެރިކާގެ ކަނޑުގެ ސިފައިންގެ އެންމެ ބޮޑު އަދި އެންމެ މޮޅު މަނަވަރުތަކަށްވެސް އޭނާ ވަނީ އިޝާރާތް ކުރައްވާފައެވެ.
މިދިޔަ ޖޫން މަހު އިސްރާއީލުން ވަނީ އީރާނުގެ އަސްކަރީ އަދި ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް 12 ދުވަހުގެ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މީގެ ރައްދުގައި އީރާނުން ދިން ހަމަލާތަކާ ގުޅިގެން އެމެރިކާއިންވެސް އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދީފައިވެއެވެ. މި ހަމަލާތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ކުރިއަށްދިޔަ ނިއުކްލިއާ މަޝްވަރާތައް ވަނީ މެދުކެނޑިފައެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލިން ލީވިޓް ވިދާޅުވީ، ރައީސް ޓްރަމްޕް އަބަދުވެސް ބޭނުންފުޅުވަނީ ފުރަތަމަ ޑިޕްލޮމެސީ އިސްކުރަން ކަމަށެވެ. މި ހަފުތާގައި އެމެރިކާއާއި އީރާނާ ދެމެދު މަޝްވަރާތައް ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، މި މަޝްވަރާތައް އަދިވެސް އޮތީ ތާވަލާ އެއްގޮތަށް ކަމަށް ވައިޓް ހައުސްއިން ބުނެއެވެ.


