ބޮންޑުގައި އިންވެސްޓްކޮށްގެން ޕެންޝަން ފަންޑަށް ގެއްލުމެއް ނުވާނެ: ޕެންޝަން އޮފީސް
4 ފެބްރުއަރީ 2026 - 05:15

ފިނޭންސް މިނިސްޓްރީގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގައި އިންވެސްޓްކޮށްގެން ޕެންޝަން ފަންޑަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމުގެ ޔަގީންކަން ޕެންޝަން އޮފީހުން ދީފިއެވެ.
އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފިނޭންސް މިނިސްޓްރީން ހުށަހެޅި މި ޕްރޮޕޯސަލަކީ ދިވެހި ރުފިޔާ އާއި ޑޮލަރުން ފައިދާ ލިބޭނެ އިންވެސްޓްމެންޓެއް ކަމަށެވެ.

Ad by Hajj Corporation
ޕެންޝަން އޮފީހުން ހާމަކުރި ގޮތުގައި، މި ބޮންޑަށް އިންވެސްޓްކުރަނީ މިހާތަނަށް އެ އިދާރާއިން އިންވެސްޓްކޮށްފައިވާ ބޮންޑް ސެކިއުރިޓީ މާކެޓުގައި ވިއްކާލުމަށްފަހު ލިބުނު ފައިސާއިންނެވެ.
ޕެންޝަން އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ، ސަރުކާރުގެ ބޮންޑުގައި އިންވެސްޓްކުރަން ނިންމީ މޯލްޑިވްސް ރިޓަޔަމެންޓް ޕެންޝަން ސްކީމުގެ ދުރު ރާސްތާ އިންވެސްޓްމަންޓް ސްޓްރެޓެޖީ އެކުލަވާލާ ކޮންސަލްޓެންޓުންގެ ލަފާގެ މަތިން ކަމަށެވެ.
"މި ބޮންޑުގެ ސަބަބުން، ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި އިންވެސްޓްމަންޓެއްގެ ތެރެއިން ބޭރު ފައިސާގެ ރިޒާވެއް ޕެންޝަން ފަންޑުގައި އުފެއްދޭނެ،" އެ އިދާރާއިން ބުންޏެވެ.
މި މުއާމަލާތް ހިންގާ ގޮތަށް ބަލާއިރު، ޕެންޝަން ފަންޑުގައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު އެމްއެމްއޭއަށް ވިއްކާލުމަށްފަހު، އެ ލިބޭ ފައިސާއިން އަނެއްކާވެސް ސަރުކާރުގެ 2.5 ބިލިއަން ރުފިޔާގެ ބޮންޑެއް ގަންނަނީއެވެ. ޕެންޝަން އޮފީހުން ބުނި ގޮތުގައި މި މުއާމަލާތް ހިންގާފައިވަނީ ޕެންޝަން ގާނޫނާއި ގަވައިދުތަކާ އެއްގޮތަށެވެ.
މި މުއާމަލާތް ހިންގުމަށް ޕެންޝަން އޮފީހުގެ ބޯޑުން ނިންމާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ފަހުކޮޅުގައެވެ. ނަމަވެސް، މި ނިންމުމާ ގުޅިގެން ބޯޑުގެ ބައެއް މެންބަރުން ވަނީ އިސްތިއުފާ ދެއްވާފައެވެ.


