މޯލްޑިވްސް ފައިނޭންސް ފޯރަމް ފަށައިފި
10 ސެޕްޓެމްބަރު 2025 - 06:38

ޕެންޝަން އޮފީހުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ "މޯލްޑިވްސް ފައިނޭންސް ފޯރަމް" ފަށައިފިއެވެ.
މި ފޯރަމަކީ ދިވެހިރާއްޖޭގެ ޕެންޝަން ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށް ޕެންޝަން އޮފީހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލީ ދާއިރާގެ އިސް ފަރާތްތަކާ، މި ދާއިރާއާ ގުޅުންހުރި ފަރާތްތަށް ބައްދަލުވެ، ޙިޔާލު ބަދަލުކުރުމުގެ އިތުރުން މަޝްވަރާ ކުރެވޭނެ ފުރުސަތު ފަހިކުރުމަށްޓަކައި ކުރިޔަށްގެންދާ ފޯރަމެކެވެ.

Ad by Hajj Corporation
ފައިނޭންސް ފޯރަމްގެ މި އަހަރުގެ އެޑިޝަން ޚާއްސަ ކޮށްފައިވަނީ "ބިލްޑިންގް އަ ރެސިލިއެންޓް އެންޑް އިންކްލޫސިވް ކެޕިޓަލް މާރކެޓް" މި މައުޟޫގެ މައްޗަށެވެ. މި އަހަރުގެ ފޯރަމުގައި ދިވެހުރާއްޖޭގެ ކެޕިޓަލް މާކެޓުގައި ވިޔަފާރިތަކަށާއި އިންވެސްޓަރުންނަށާއި އާންމު ފަރުދުންނަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކާއި ބެހޭގޮތުން ޚިޔާލު ބަދަލުކޮށް މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި ތީމާ ބެހޭ އެކި މައުޟޫތަކަށް ޕްރެޒެންޓޭޝަންތަކާއި، ޕެނަލް ޑިސްކަޝަންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޕެންޝަން އޮފީހުން މައުލޫމާތުދެއެވެ.
މި ފޯރަމްގައި ދިވެހިރާއްޖޭގެ މާލީ ދާއިރާގެ އިސްވެރިންނާއި ބޭރުގެ ތަޖުރިބާކާރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޕެންޝަން އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.
މިއީ 2012 އިން ފެށިގެން ޕެންޝަން އޮފީހުން އިންތިޒާމުކޮށް ބާއްވަމުން އަންނަ ފޯރަމެކެވެ. މިއަހަރުގެ ފޯރަމުގައި މުޅި ޖުމްލަ 110 މީހުން ވަނީ ބައިވެރިވެފައެވެ.


