ޕެންޝަން އޮފީހުގެ މެންބަރު ކަމަށް ކުރިމަތިލާން އަނެއްކާވެސް ހުޅުވާލައިފި
9 މާރިޗު 2026 - 11:20

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީހުގެ) ބޯޑަށް ޕްރައިވެޓް ސެކްޓާ މެންބަރަކު އައްޔަންކުރަން އެ ކަމަށް ޝައުުގުވެރިވާ މީހަކު ވޭތޯ ބެލުމަަށް އަނެއްކާވެސް އިއުލާނުކޮށްފިއެވެ.
މިއީ މިކަމަށް އެދި ހުށަހެޅުމަށް ފުރުސަތު ހުޅުވާލި ތިންވަނަ ފަހަރެވެ.

Ad by Hajj Corporation
ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ ހަތަރު މެންބަރުންގެ ތެރެއިން އެއް މަގާމު ހުސްވެފައިވާތީ މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.
އެ އިއުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ލިބިފައިނުވާތީ މި މަގާމަށް ކުރިމަތިލާން އަލުން ހުޅުވާލީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެ އިއުލާނާ ގުޅިގެންވެސް ބޭނުންވާ އަދަދަށް އެޕްލިކޭޝަން ލިބިފައިނުވާތީ އަލުން ފުރުސަތު ހުޅުވާލީ މިއަދު އެވެ.
ޕެންޝަން އޮފީހުން ބުނީ ބޯޑު މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށްގެން ދިއުމަށް ގާނޫނުގައިވާ ގޮތުގެ މަތީން އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީން މި މަގާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ތިން ނަން ޝޯޓްލިސްޓްކޮށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އެ ފަރާތްތަކުގެ ޝަރުތު ހަމަވާކަން ޔަގީންކުރެވޭނެ ކަމަށެވެ.
ޕެންޝަން އޮފީހުގެ ބޯޑަށް މެންބަރުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިިއްޔާ އެވެ.
ފެންވަރު ނުވަތަ ޝަރުތުތައް
- ވިޔަފާރި، އިގުތިސާދީ ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލުކޮށްފައިވުން.
- ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާ ހާސިލުކޮށްފައިވުން.
- ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރައްވާ މެންބަރުންނަކީ، ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރައްވާ މީހަކު ކަމުގައި ނުވުން.
- ސަރުކާރުން 50 އިންސައްތަ އިން މަތީ އަދަދަކަށް ހިއްސާވާ ޕަބްލިކް އަދި ޕްރައިވެޓް ކުންފުންޏެއްގެ ނުވަތަ އެފަދަ ކުންފުނިތަކުން ކޮންޓްރޯލްކުރާ ސަބްސިޑިއަރީ ކުންފުންޏެއްގެ މުވައްޒަފަކަށް ނުވުން.
މީގެ އިތުރުން ޕެންޝަނާބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަމަށް ރިއާޔަތް ކުރެވޭނެ ކަމަށްވެސް ޕެންޝަން އޮފީހުން ބުނެފައިވެ އެވެ.
މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެ އެވެ.


